ކުރީގެ މެންބަރު ނިހާން ކަމަށް ހީކޮށް ގާޒީ ނިހާން އިންޑިއާ އެއާޕޯޓަކުން ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ކަމަށް ހީކޮށް އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާން އެއާޕޯޓުން ހުއްޓުވައި އިންޑިއާއިން ސުވާލުކޮށްފިއެވެ.

އިއްޔެ މެންދުރުފަހު ހިނގި މި ހާދިސާގައި ގާޒީ ނިހާން އޭނާގެ ކޮއްކޮއަކާ އެކު ބޭސްފަރުވާއަށެ އިންޑިއާއަށް ވަޑައިގެންނެވުމާ އެކު އެ ގައުމުގެ އިމިގްރޭޝަންގެ އޮފިޝަލުން ވަނީ، ނިހާން އެއާޕޯޓުގައި ވިއްސަކަށް މިނިޓު ހިފަހައްޓައި ސުވާލުކޮށްފައެވެ.

ގާޒީ ނިހާންގެ އާއިލާގެ މެމްބަރަކު އޮންލައިން ނޫސް "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ނިހާން އެއާޕޯޓުގައި ހިފަހައްޓައިގެން ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތާއި ބައްޕަ އަށް ކިޔާ ނަން ފަދަ މައުލޫމާތު ހޯދި ކަމަށާއި، އޭރުގައި ނިހާނަށް ވެގެން އުޅޭ ގޮތެއް އެއްވެސް ގޮތަކަށް ސާފުނުވާ ކަމަށެވެ.

"މެމްބަރު ކަން ކުރެއްވި ނިހާންގެ ފޮޓޯ ދައްކާފައި ބުނީ ތިއީ އެ ނިހާންހޭ. މަޖިލިހުގެ މެމްބަރަކަށް އެއްވެސް އިރެއްގައި އުޅުނުތޯ ވެސް އެހި، ނިހާނަށް ވެގެން އުޅޭ ގޮތް ސާފުވީ ކުރީގެ މެމްބަރު ނިހާންގެ ފޮޓޯތައް އޮފިޝަލުން ދެއްކީމަ." އެ މީހާ "މިހާރު" ނޫހަށް ބުނެފައިވެއެވެ.

އެއާ އެކު މެޖިސްޓްރޭޓް ކާޑު ދެއްކުމުން، އެއީ ކުރީގެ މެމްބަރު ނިހާން ނޫންކަން އެ މީހުންނަށް އިތުރަށް ޔަގީންވުމާ ގުޅިގެން އިތުރު ސުވާލެއް ކުރުމަކާ ނުލައި ދޫކޮށްލައި، މަޢާފަށް އެދުނު ކަމަށްވެސް ގާޒީ ނިހާންގެ އާއލާ މެންބަރަކު ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި ގާޒީ ނިހާންގެ މައްޗަށް 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމާ ގުޅިގެން ނިހާން ވަނީ ދާދި ފަހުން މިނިވަން ވެފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސައިނަސް އަށް ފަރުވާ ހޯއްދަވަން ޑިޕްލޮމެޓިކް ޕާސްޕޯޓުގައި އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، ކުރީގެ މެމްބަރު ނިހާން އަނބުރާ ރާއްޖެ ފޮނުވާލާފައިވާއިރު، އަނބުރާ ފޮނުވާލި ސަބަބު ހާމަކޮށްފައެެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ