ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވިސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި ހަކުރުބައްޔާއި އަދި މަސައްކަތާއި ދިރިއުޅުން އެއްހަމައެއްގައި ގެންދާނެގޮތުގެ މައްޗަށް ހޭލުންތެރިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވަވައިފިއެވެ.
ޑައިބެޓިކް ސޮސައިޓީގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ އާއިޝަތު ޝިރުހާނާ އެވެ. އަދި އޭގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުންވެސް ވަނީ ބޭފުޅަކު މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި ޑައިބެޓިކް ސޮސައިޓީގެ ފަރާތުން ސިވިލް ސަރވިސްގެ އިދާރާތަކުގައި ހެލްތު އިންސްޕެކްޓަރުންގެ ގޮތުގައި ބަޔަކު ތަމްރީނުކޮށްބޭ ތިއްބުމަށް އެހީތެރިވެދިނުމަށް ހުށަހެޅުއްވެވިއެވެ. އަދި ސިވިލް ސަރވަންޓުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތެއް އިންތިޒާމް ކުރުމާގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކޮމިޝަނުން ބާއްވާ ހަފްލާތަކުގައި ހަކުރު އަޅާފައިހުންނަ ލުއިބުއިންތައް ނުބެހެއްޓުމާއި ސައި އަދި ކޮފީ ތައްޔާރުކޮށް ސާރވްކުރާއިރު ހަކުރުތަށްޓަށް އެޅުމުގެ ބަދަލުގައި އަމިއްލައަށް ހަކުރުއަޅާއިގިރާލެވޭ ގޮތަށް ހަކުރު ޕެކެޓް ތަށީގައި ބާއްވާގެން ސާވްކޮށްދިނުމަށް އެދިވަޑައިގަތެވެ.
ޑައިބެޓިކް ސޮސައިޓީ އިން އެދިވަޑައިގަތްކަންކަމުގައި ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި ސިއްހީ ގޮތުން ސިވިލް ސަރވަންޓުން ހޭލުންތެރިކުރުވުމަށް ހިލޭ ސާބަހަށް ކޮށްދެއްވުމަށް ހުށަހެޅުއްވެވި އެހީތެރިކަމުގެ ބޭނުން ސިވިލް ސަރވިސްގެ އިދާރާތަކުން ހިފެނޭ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މި މަޝްވަރާ ބައްދަލުވުމުގައި އެރުވިއެވެ. އަދި މި ކަންކަން އިންތިޒާމްކުރުމަށްޓަކައި ކޮމިޝަނަށް ހުށަހަޅުއްވަވާނެކަމަށާއި ޕަރމަނަންޓް ސެކްރެޓެރީއިން ތިއްބަވާ އެޑްވައިޒަރީ ކޮމިޓީއަށްވެސް ހުށަހަޅުއްވަވާދެއްވާނެ ކަމުގައި ކޮމިޝަނުގެ ފަރާތުން ބަޔާންކުރެއްވެވިއެވެ.



