ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް އެލާޓް ނެރެފި

ރާއްޖޭގެ އުތުރާއި އެންމެ ދެކުނުގެ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ދެމެދުގެ ސަރަހައްދަށާއި، ދެކުނުން ފުވައްމުލަކު އަދި އައްޑޫ ސިޓީއަށެވެ.

މިއަދު ހެނދުނު 08:30 އިން މެންދުރު 12:00 އަށް ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް އަދި ހެނދުނު 09:15 އިން ހަވީރު 03:15 އަށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރާއި ދެކުނެގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުންް ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ