މިއަދު ހެނދުނު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ދެމެދުގެ ސަރަހައްދަށެވެ.
ރޭ ފަތިހު 05:00 އިން މިއަދު 11:00 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ހއ. އަތޮޅާއި ދ. އަތޮޅާއި ދެމެދުގެ ރައްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮއް ވައިޓް އެލާޓް ނެރޭ ކަމަށެވެ.
White Alert for Heavy rain pic.twitter.com/wqFSt3rUpT
— Maldives Meteorology (@MetMaldives) October 16, 2019
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ."މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.



