ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް މިއަދު ވެސް ވޯޓަށް އެހިފައިނުވާއިރު މިއަދުގެ ޖަލްސާއަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 11 މެންބަރަކު ހާޒިރެއް ނުވެއެވެ.
އެ ދެ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓަށް އަހަން ދެ ދުވަސް މަތިން ތާވަލް ކޮށްގެންވެސް ވޯޓަށް އެހިފައި ނުވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒެއިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ސަރުކާރުގެ މެންބަރުންގެ ތެރެއިން މިއަދު ޖަލްސާއަށް ހާޒިރުނުވި މެންބަރުން ހާމަ ކުރެއްވާފައެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މިއަދުގެ ޖަލްސާއަށް ހާޒިރުނުވި މެންބަރުންގެ ތެރޭގައި ހިމެނޭ އެމްޑީޕީ މެންބަރަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ކަމަށެވެ. މުޙައްމާއަކީ އެމްޑީޕީ ޕަރައިމަރީގައި ނާކާމާބުވި މެންބަރެކެވެ.
ޖުމްހޫރީ ޕާޓީގެ 10 މެންބަރެއް މިއަދުގެ ޖަލްސާއަށް ހާޒިރު ނުވާއިރު އެ 10 މެންބަރުންނަކީ ވެސް ޕީޕީއެމްގައި ތިއްބެވުމަށްފަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންނެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އެވެ.
އޭގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން އާއި ކަނޑިތީމް ދާއިރާގެ މެންބަރު މުހައްމަދު ހުސެއިނާއި މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސެއިން އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ވެސް މިއަދުގެ ޖަލްސާއަށް ރޮޒައިނާ ވިދާޅުވި ގޮތުން ވަޑައިނުގަންނަވަ އެވެ.
މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 37 މެންބަރުންނެވެ. އިއްޔެގެ ޖަލްސާއަށް ވަޑައިގެންނެވީ 42 މެންބަރުންނެވެ. ދެ ދުވަހު ވެސް ވޯޓަށް ނޭހުނީ ގާނޫނީ އަދަދު ހަމަނުވެގެންނެވެ. އެ ވޯޓަށް އެހޭނީ 43 މެންބަރުން މަޖިލީހުގައި ތިއްބަވަނިކޮށެވެ.
މި މައްސަލައިގައި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ޖުމްހޫރީ ޕާޓީއަށް ފާޑުވިދާޅުވެފައިވެސް ވެއެވެ.




