ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ހުވަދު އަތޮޅު ތިނަދޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގދ.ތިނަދޫގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ކުރަމުންދާ ކަމަށެވެ.
ހުވަދުއަތޮޅު ތިނަދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވިއިރު، މެންދުރުން ފެށިގެން މ އަތޮޅާ ހައްދުންމައްޗާ ދެމެދަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން އިތުރަށް ގޯސްވެ ހުވަދު އަތޮޅާ ހިސާބަށްވެސް މެޓު އޮފީހުން ވަނީ ޔެލާ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓުގައި ވިދާޅުވެފައިވަނީ، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބޯ ވާރޭގެ ސަބަބުން ތިނަދޫގެ 4 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި، އެ ގެތަކަށް އެހީތެރިވުމަށް ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައިވާ މި ދަނޑިވަޅުގައި މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.