އަވަށްޓެރި އިންޑިޔާ އާއި ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގައި އޮންނަ ކޯރެއްގައި، ބަންގަލްދޭޝް ސިފައިންގެ މީހުން ބަޑި ޖަހާ، އިންޑިޔާ ސިފައިންގެ މީހެއް މަރާލައިފިއެވެ.
ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިންޑިޔާގެ ބޯޑަރ ސެކިއުރިޓީ ފޯސް (ބީއެސްއެފް) ގެ އޮފިސަރެއްގެ ގަޔަށް، ބަންގްލަދޭޝް ބޯޑަރ ގާޑް (ބީޖީބީ) ގެ އޮފިސަރުން ބަޑި ޖަހާފައިވަނީ، ބަންގްލަދޭޝް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިޔާގެ މަސްވެރިންތަކެއް ސަލާމަތްކުރަން، އިންޑިޔާ ސިފައިންގެ އޮފިސަރުންތަކެއް އައުމުންނެވެ.
މިކަމާ ގުޅިގެން ބީޖީބީ އިން ބުނެފައިވަނީ އެފަރާތުން އިންޑިޔާ ސިފައިންގެ ގަޔަށް ބަޑި ޖަހާފައިވަނީ އަމިއްލަ ސަލާމަތަށްޓަކައިކަމަށެވެ. އަދި އިންޑިޔާގެ މަސްވެރިންތައް ބަލައި، އެޤައުމުގެ ސިފައިން އައީ އުސޫލުތަކާ ޚިލާފަށްކަމަށްވެސް ބުނެފައިވެއެވެ.
އިންޑިޔާގެ ބީއެސްއެފް އިން، މި ޙާދިސާއާ ގުޅިގެން ބުނެފައިވަނީ އެފަރާތުގެ އެއް އޮފިސަރަކު މަރުވެފައިވާކަމަށާއި، އެހެން އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަމަށެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ފަހުން ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ ބަޑި ޖަހާ، ހަމަލާ ބަދަލުކުރުންތައް ފަށާފައިވަނީ އިންޑިޔާ އިންކަމުގައެވެ. އަދި އެމީހުން ހަމަލާތައް ދޭން ފެށީ ރުޅި އައިސްގެންކަމަށްވެސް ބުނެފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ސަރަޙައްދުގެ ކޯރުގައި ބަޔަކު މަސްވެރިކަން ކުރަމުން ދިޔައީ، ވެސްޓް ބެންގަލް ސަރަޙައްދުގައި ތައްޔާރުކުރާ ކެއުމުގެ ބާވަތަކަށް މަސް ހޯދުމަށެވެ. މި ބާވަތުގެ މަހަކީވެސް، އަދި މި ކެއުމަކީވެސް އެސަރަޙައްދުގައި ވަރަށް މަޝްހޫރު އެއްޗެހިކަމަށްވެސްވެއެވެ.
ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަންޑަބަންސްގެ ކުޅި ބިންތައްވެސް މި ސަރަޙައްދުގައި ހުންނައިރު، މި ސަރަޙައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދާތީ، އެކަމާ ގުޅިގެން ދެ ޤައުމުންވެސް މީގެކުރިން މަޝްވަރާތައް ކޮށްފައިވެއެވެ.
ދެ ޤައުމުގެ ޚާރިޖީ ގުޅުންތައް ރަނގަޅުއިރު، މިއީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މިފަދަ ކަމެއް، މި ފަހުން ހިނގި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ހިޔާލު
އިންޑިއާ ސިފައި ހަތިޔާރާއި އެކު ބަންގާޅަށް ވަދެ ބަޑި ޖެހީމަ ބަންގާޅު މީހުން ވެސް މަޑުން ނުތިބޭނެތާ.