ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް، އެޤައުމުގެ ސަރަޙައްދެއްގެ ފުލުހުންގެ އިސްވެރިއަކަށް ހަމަޖެއްސި މީހަކަށް، މީހަކު މަރަން ޖެހިއްޖެނަމަ އެކަން ކުރުމުގެ އަންގާ، އެކަމުގެ ހުއްދަ ދީފިއެވެ. ރައީސް ރޮޑްރިގޯ ޑުޓާޓް، ފުލުހުންގެ އިސްވެރިއަކަށް ހަމަޖެއްސި މި މީހާއަށް މިގޮތަށް އަމުރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިންނެވެ.
ވެރިރަށް މެނީލާގައި ކުރިއަށް ދިޔަ ވިޔަފާރި ލީޑަރުންގެ ބައްދަލުވުމެއްގައި ތަގުރީރުކުރައްވަން ޑުޓާޓް މިގޮތަށް އަމުރުކުރައްވާފައިވާ ވިދާޅުވިއިރު، ލެފްޓިނަންޓް ކާނަލް ޖޯވީ އެސްޕެނިޑޯ އިސްވެރިއަކަށް ހަމަޖެއްސި ނެގްރޮސް އައިލެންޑްސް ސަރަޙައްދަކީ މަސްތުވާތަކެތީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ސަރަޙައްދެއްކަމަށް ޑުޓާޓް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޖޯވީ އެސްޕެނިޑޯއަކީ ކުރިން، ސިޓީއެއްގެ ދެ މޭޔަރުން މަރާލާފައިވާ ފުލުސް އޮފިސަރެކެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުގެ ތެރެއިންކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.
ރައީސް ޑުޓާޓް މިފަދަ އަމުރެއް، ފުލުހުންގެ އިސްވެރިއަކަށް ދީފައިވާއިރު، އޭނާ ގެންދަވަނީ މަސްތުވާތަކެތީގެ ބޭނުންކުރާ އަދި އޭގެ ވިޔަފާރި ކުރާ މީހުން، ފުލުހުންގެ ބަންދަށް ދާން ދެކޮޅު ހަދާކަމުގައިވާނަމަ، ހައްޔަރު ކުރަން ޖެހޭނެކަމަށް ބުނަމުންނެވެ. މިކަމާ ގުޅިގެން ބައިނަލްއަޤުވާމީ ބައެއް ޖަމާއަތްތަކުންނާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތި ކުރާ ބައެއް ފަރާތްތަކުން ވަނީ އިންޒާރުވެސް ދީފައެވެ. އެހެންނަމަވެސް، ޑުޓާޓް އެކަންކަމަށް ސަމާލުކަމެއް ނުދެއްވައެވެ.




