ސްޓްރެސްވާފަދަ މާހައުލެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުބެހެއްޓުމަށް ޑޮކްޓަރު އެދިއްޖެއެވެ.
އަދީބު ސްޓެރްސްވާފަދަ މާހައުލެއްގައި ނުބެހެއްޓުމަށާއި، އެކަނި ނުބެހެއްޓުމަށް އައިޖީއެމްއެޗްގައި އަދީބު ބައްލަވާ ނިއުރޮލޮޖިސްޓް ވަނީ އެދިފައެވެ. އަދި އެކަން ކަރެކްޝަންސްއަށްވެސް ވަނީ އަންގާފައެވެ.
މީގެ އަހަރެއް ކުރިންނާއި އަދި މިދިޔަ މަސް ތެރޭގައި އަދީބް އެކަނި ހުންނަވަނިކޮށް ވެއްޓިފައިވާކަމަށާއި، އަދި އެކަމުގެ ސަބަބުން ބޮލަށް ގެއްލުންތަކެއް ވެފައިވާކަމަށްވެސް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައި ވެއެވެ.
ޑޮކްޓަރުން މިގޮތަށް ވިދާޅުވި ނަމަވެސް، ޞިއްޙީ ޙާލަތަށް ރިއާޔަތްކޮށް އަދީބު ގޭބަންދަށް ބަދަލު ކުރަން އެދުމުންވެސް އެކަން ކޮށްދީފައި ނުވެއެވެ.
އަދީބުއާ އެއް ދައުވާތަކެއް ކޮށްފައިވާ އަބްދުﷲ ޒިޔަތު ވަނީ ދާދިފަހުން ގޭބަންދަށް ބަދަލުކޮށްފައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރިއެވެ. ނަމަވެސް އެފަހަރު ވެސް ޑޮކްޓަރު ދެއްވާފައި އޮތް މުއްދަތު ހަމަނުވަނީ ކަރެކްޝަނަލް ސާވިސް އިން ވަނީ އަދީބު ޖަލަށް ގެންގޮސްފައެވެ.