ދިވެހި ދައުލަތް ބިނާވެގެންވަނީ މިނިވަން ތިން ބާރެއްގެ މައްޗަށެވެ. އެ ތިން ބާރަކީ، ވެރިކަން ހިނގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދި އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރެވެ. ދިވެހި ރައްޔިތަކަށް ވެހުރެ މި ބާރުތަކުން ކުރާ ކަންތައްތައް ދެނެގަނެ އެބާރުތައް ހިނގާ ނުހިނގާ ގޮތް ބަލައި ޖަވާބުދާރީ ކުރުވުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެކެވެ. މި ޒިންމާ ހަނދާން ނައްތާލާ ފަރުވާ ކުޑަކޮށްފިނަމަ ގައުމަށް ދެރަގޮތްތައް މެދުވެރި ވެގެން ދިއުމަކީ ދުރުގައި ވާކަމެއް ނޫނެވެ.
މިކުރު މަޒުމޫނުގައި އަލިއަޅުވާލަން ގަސްތު ކުރަނީ ދައުލަތުގެ ތިންބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ވާޖިބުތަކާއި މައްސޫލިއްޔަތް ތަކުގެ މައްޗަށެވެ. މިކަމަށްޓަކައި އަޅުގަނޑު އެހީތެރިކަން ހޯދާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތިންވަނަ ބާބުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތިންވަނަ ބާބަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މައްސޫލިއްޔަތު ތަކާއި ވާޖިބުތައް ބަޔާން ކޮށްދީފައިވާ ބާބެވެ.
މި ބާބުގައި ވާގޮތުން ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތައް ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމާއި، ބޭނުންވެއްޖެ ކޮންމެ ކަމަކާއި ބެހޭގޮތުން އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތުގެ މަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލު ގެނައުމާއި، ޤާނޫނު ބާތިލުކުރުމާއި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ހިނގާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުން، މިކަންކަން ކުރުމަށްޓަކައި ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުން، ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުން، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަގާމްތަކާ ބެހޭގޮތުން ނިންމަންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެ މަތިން ނިންމުން، ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން، އަދި ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭނެކަމަށް މި ޤާނޫނު އަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް ވާޖިބުތައް އަދާކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންތިހާބު ވެފައިވާ ފަރާތްތަކުގެ ވާޖިބުތަކާއި މައްސޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ޤަބޫލު ކުރުމާއި، ފާސްނުކޮށް އަނބުރާ ފޮނުވާލުމާއި، ބާތިލް ކުރުމާއި، މިފަދަ ކޮންމެ ހުށަހެޅުމަކަށް ބަދަލު ގެނައުން، އަދި މީހަކު މަގާމަކަށް އިސްކުރުމަށްޓަކައި ނުވަތަ މަގާމަކުން ވަކިކުރުމަށްޓަކައި އެކަން ފާސަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި ނަމަ، އެހުށައެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވެއެވެ.
ކަންއޮތީ މިހެން ނަމަވެސް ރައްޔިތުންގެ މަޖިލީހަށް މެންބަރެއް އިންތިހާބު ކުރުމުގެ ކުރިން މިވާޖިބުތަކާއި މައްސޫލިއްޔަތުތައް އަދާކުރެވޭފަދަ ޤާބިލް މެންބަރެއް ހޮވުމަށް ތިއީގެ ތެރެއިން އިސްކަންދެނީ ކިތައް ރައްޔިތުން ތޯއެވެ؟ ގިނަ ފަހަރަށް މެންބަރެއް އިންތިހާބު ކުރުމުގެ ކުރިން ބެލެވޭތަން މިއަންނަނީ އެމެންބަރެއް އުމުރާނީ ގޮތުން ދާއިރާ އަށާއި ރަށަށް ކޮއްދޭން ވައުދުވާ ކަންތައްތަކުގެ ލިސްޓަށެވެ. މިއީ މިހެންނަމަވެސް މިކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
އަޅުގަނޑުމެން އެންމެންވެސް، ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވާ މެންބަރުން އުޅޭ ގޮތުގެ މައްޗަށް ޖޯކު ޖަހައި ހީސަމާސާ ކޮށް ހަދަމެވެ. ނަމަވެސް އެއްވެސް ފަހަރަކު އެމެންބަރުން އިންތިހާބު ކުރުމަށް އަޅުގަނޑުމެން ވޯޓުލީ ކޮންގޮތަކަށް ބަލާފައި ކަމާމެދު ވިސްނާލީމުތޯއެވެ؟ ތަނެއް އިސްލާހުކޮށް އެތަނެއްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުވަން ބޭނުންނަމަ އެތަނަކަށް އެންމެ އެކަށޭނެ ޤާބިލު ފަރާތްތައް އިންތިހާބު ކުރަން ޖެހެއެވެ. މިނޫން މަގަކުން މިކަން ހިނގާނަމަ އަޅުގަނޑުމެންގެ މަޖިލިސް، ރައްޔިތުންގެ މަޖިލިސް ވާނީ އަބަދުވެސް ޗަރުކޭސް ކުޅޭ ތަނަކަށެވެ.
ހިޔާލު
މީ މީހަކަށް ނެއެންގެން ޖެހެ ވަރުގެ ކަމއެތަ
ކޮމެންޓް ކުރުން ބަންދު