މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު - ފޮޓޯ: މަޖިލިސް

މިއަދު މިފެންނަނީ ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާތަން - ރީކޯ މޫސަ

ދިވެހިރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާތަން ފެންނަ ކަމަށާއި މިގައުމު ހަމަމަގަށް އެޅޭތަން އެއްގޮތަކަށް ފެންނަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާހެން ހީވާކަމަށް ވިދާޅުވަމުން މޫސަ ވިދާޅުވީ, އެއް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައީސް އޮފީހުގައި ކަމަށާއި ދެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮންމެވެސް އެހެންތަނެއްގައި ކަމަށެވެ. ރައީސް ޞޯލިޙްގެ އިތުރުން ދެން ހުންނެވި ރައީސްގެ ނަންފުޅެއް މޫސަ ވިދާޅުނުވި ނަމަވެސް، މޫސަގެ ވާހަކައިން ބޮޑަށް ދޭހަވަނީ އެއީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތްކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް ހިނގަމުން ނުދާކަމަށްވެސް ރީކޯ މޫސަ ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ބާރާއި ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާއި އިކޮޅު މެމްބަރުންގެ ސާބިތުކާއި ހިތްވަރަށް ހަމަ ސާބަސް ދަންނަވާ ކަމަށްވެސް މޫސަ ވިދަޅުވިއެވެ.

ވޯޓް ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ކަރުދާސް ބާތިލް ބާތިލްވާގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސާ ވިދާޅުވީ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސް ނުކުރެވުމަކީ ސަރުކާރުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިކަމުގެ ހެއްކެއް ކަމަށެވެ.

ކުރިން އެމްޑީޕީގެ މަތިފަޑީގައި މަސައްކަތް ކުރެއްވި މޫސާ މަނިކު އެންމެ ރިޔާސީ އިންތިޚާބުގައި ފެނިގެންދިޔައީ ޔާމީންގެ ކެމްޕޭނުން ޕީޕީއެމް އިންނެވެ. ނަމަވެސް އިންތިޚާބަށްފަހު ރީކޯ ވަނީ ޕީޕީއެމުންވެސް ވަކިވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް