ޕީއެންސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ވިދާޅުވީ، މިއަދު ހެނދުނު އަބްދުއްރަހީމް އޭސީސީ އަށް ހާޒިރުކޮށްފައިވާ ކަމަށާއި، އޭނާ ވެސް އޭސީސީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
"އިއްޒަތެރި ރައީސް އަޅުގަނޑަށް އެބައޮތް 11.00 އަށް އޭސީސީ އަށް ކިޔާފައި. އަބްދުއްރަހީމް މިހާރުވީ އޭސީސީގައި،" މަޖިލިސް ޖަލްސާގައި އަލީ އާރިފް ވިދާޅުވިއެވެ.
އެ ދެބޭފުޅުންނަށް އޭސީސީ އަށް ހާޒިރުވުމަށް އެދި އަންގާފައި ވަނީ ކޮން ސަބަބަކާ ހުރެކަން ޢަލީ އާރިފު ވިދާޅުވެފައި ނުވާއިރު، އަދުރޭ ވިދާޅުވީ، ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
އަދުރޭ ދެ ފްލެޓެއް ބައްލަވައިގަތް މައްސަލައެއް އޭސީސި އިން ބަލަމުންދާ ކަމަށް މީގެ ކުރިން އޭސީސީ އިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަލީ އާރިފްގެ އެއްވެސް މައްސަލައެއް ބަލަމުންދާކަމަށް އޭސީސީ އިން މީޑިއާގައި ވިދާޅުވެފައެއް ނުވެއެވެ.
އަދުރޭ އާއި އަލީ އާރިފް އޭސީސީ އަށް ހާޒިރު ކުރިއިރު މިއީ ޕީޕީއެމްގެ ވެރިކަމުގައި ސަރުކާރަށް ތާއިދު ކުރި މެންބަރުތަކެއް އޭސީސީ އަށް ހާޒިރު ކުރި ފުރަތަމަ ފަހަރެވެ.