އިނގިރޭސިވިލާތުގެ އެސެކްސްގެ އިންޑަސްޓްރިއަލް ޕާކެއްގެ ތެރޭގައި އޮތް ލޮރީއެއްގެ ތެރޭގައި މަރާލައިފައި އޮއްވާ ފެނުނު 39 މީހުން ނިސްބަތްވަނީ ޗައިނާއަށް ކަމަށް އެސެކްސްގެ ފުލުހުން ބުނެފިއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ފެނުނު މި ލޮރީ ދުއްވަންހުރި ޑްރައިވަރު މޯ ރޮބިންސަން އާއި ފުލުހުން މިހާރު އަންނަނީ މިމައްސަލައިގައި ސުވާލު ކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ލޮރީގައި މަރާލައިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އަށް އަންހެނުންނާއި 31 ފިރެހެނުންނެވެ.
ފުލުހުން އަންނަނީ މިމައްސަލައިގައި އިނގިރޭސިވިލާތުގެ ބައެއް ގެތައް ފާސްކުރަމުންނެވެ. އަދި މި އަމަލު ހިނގި އޮގަނައިޒްޑް ކުރައިމް ގުރޫޕުތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ ފުލުހުން މައުލޫމާތު ދެއެވެ.
މިހާރު މި ލޮރީވަނީ ތަހުގީގީ ބޭނުމަށްޓަކައި ރައްކާތެރި ސަރަހައްދަކަށް ބަދަލު ކޮށްފައެވެ. އަދި މިއީ މިހާތަނަށް އެސެކްސްގެ ފުލުހުން ހިނގާ މިފަދަ އެންމެ ބޮޑު ތަހުގީގުކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މިމައްސަލައާއި ގުޅިގެން އިނގިރޭސި ވިލާތައް ކަނޑައަޅައިފައި ހުންނަވާ ސަފީރު ލިއު ޒިއޯމިން ވިދާޅުވެފައިވަނީ މަރާލެވިފައިވާ ފަރާތްތަކުގެ ރިޕޯޓުތައް އެމްބަސީއިން ކިޔައިފައި ވާކަމަށާއި މިމައްސަލައިގައި އިނގިރޭސިވިލާތުގެ ފުލުހުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ލޮރީ އެތެރެވެފައިވަނީ ބަލްގޭރިއާއިން ކަމަށެވެ. ނަމަވެސް ފުލުހުން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ ލޮރީ އިނގިރޭސިވިލާތައް އެތެރެވެފައިވަނީ ބެލްޖިއަމްއިން ކަމަށެވެ.