"ލަންކާގައި ހަމަލާތަކެއް ދެވުނީ ސިރިސޭނާގެ ފަރުވާކުޑަކަމުން"

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާގައި ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެވުނީ، އެޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ފަރުވާކުޑަކަމުން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވުމުންކަމަށް، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އެކަލުވާލި ރިޕޯޓެއްގައި ބުނެފިއެވެ.

އެކި ޕާޓީތަކުގެ މެންބަރުން ހިމެނޭ ކޮމިޓީއަކުން އެކުލަވާލާފައިވާ މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެޤައުމުގެ ޖާސޫސީ އިދާރާތަކަށާއި، ސަލާމަތީ ބާރުތަކަށް އަދި ފުލުހުންނަށް މަސައްކަތް ކުރެވޭނެ، އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމަށް ސިރިސޭނާ ނުކުޅެދިފައިވާކަމަށެވެ.

މީގެއިތުރުންވެސް، ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އެޤައުމުގެ ބޮޑުވަޒީރު، ރަނިލް ވިކްސަރަމަސިންހަ އާއި ޑެޕިއުޓީ ޑިފެންސް މިނިސްޓަރ، ރުވަން ވިޖެވަރްދަނަވެސް ވަނީ އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފެއިލްވެފައެވެ.

ސިރިސޭނާ

ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން، ލަންކާގެ ސްޓޭޓް އިންޓެލިޖެންސް ސަރވިސް (އެސްއައިއެސް) އަކީ ސީދާ ސިރިސޭނާގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާއެކެވެ. އެއިދާރާއަށް، ހަމަލާއެއް ރާވަމުންދާކަމުގެ މައުލޫމާތު ކުރީބައިގައި ލިބުނުކަމަށާއި، އެހެންނަމަވެސް، އެކަމަށް ފިޔަވަޅެއް ނޭޅުންކަންވެސް ފާހަގަކޮށްފައިވެއެވެ.

ޚަބަރުތައް ބުނާގޮތުން، ލަންކާގައި ހަމަލާއެއް ދޭން އުޅޭކަން، އެސްއައިއެސްގެ ޑިރެކްޓަރު، ނިލަންތާ ޖަޔަވަރްދަނަ އަށް ދީފައިވަނީ އެހެން ޤައުމެއްގެ ޖާސޫސީ އިދާރާއަކުންނެވެ. އެސްއައިއެސް ފެއިލްވުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ފުރާނަތަކެއް ގެއްލުން، ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭޕްރީލް 21 ވަނަ ދުވަހު ލަންކާގައި ދިން ސިލްސިލާ ހަމަލާތަކުގައި ބޮން ގޮއްވި ތަންތަނުގެ ތެރޭގައި ހޮޓަލްތަކާއި، ފައްޅިތައް ހިމެނެއެވެ. މި ބޮން ގޮއްވުންތަކުގައި 269 މީހަކު މަރުވިއެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ