ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާ ސިފައިންގެ ހަނގުރާމަ މަތީ ދެޖެޓު ވައްޓާލައި ޕައިލެޓަކު ހައްޔަރު ކޮށްފިކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕާކިސްތާނުން އިންޑިއާ ސިފައިންގެ ދެޖެޓު ވައްޓާލައިފައި މިވަނީ އިއްޔެގައި އިންޑިއާގެ އަސްކަރީ ޖެޓުތަކުން ޕާކިސްތާނުގެ ސަރަހައްދައް ހަމަލާ ދީފައި ވަނިކޮށެވެ. ރައްދުގައި ޕާކިސްތާނުން އިއްޔެގައި ބުނެފައިވަނީ ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ.
އިންޑިއާއިން ބުނެފައިވަނީ، ޕާކިސްތާނުގެ ހަނގުރާމަތީ ތިން ޖެޓު އިންޑިއާ ސަރަހައްދައް މިއަދު ވަދެފައި ވާކަމަށާއި ރައްދުގައި އިންޑިއާގެ އަސްކަރިއްޔާގެ ޖެޓުތައް ކުރިމަތިލުމުން އެނބުރި ޕާކިސްތާން ސަރަހައްދަށް ވަދެފައި ވާކަމަށެވެ.
އިންޑިއާގެ ހަނގުރާމަ މަތީ ދެޖެޓު ޕާކިސްތާނުން ވައްޓާލާފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން އަދި އެއްބަހެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ ހަނގުރާމަމަތީ ޖެޓެއް ވެއްޓި ދެ ޕައިލެޓާއި އާއްމުންގެ މީހަކު މަރުވެފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ގޯސްވެ ހަނގުރާމައިގެ ބެރު ޖަހަން ފަށައިފައި މިވަނީ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި މިމަހު ކުރީކޮޅު އިންޑިއާ ސިފައިންގެ 42 މީހުން މަރާލުމާއި ގުޅިގެންނެވެ.