ރިޔާސީ ކޮމިޝަންތަކުގެ ބިލް އެޖެންޑާ އިން ނަގައިފި

އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، މަޖިލިހަށް ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސް ކުރި ގޮތަށް ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރުންތަކެއް ވިދާޅުވުމާ ގުޅިގެން އެ ބިލް އެޖެންޑާ ނަގައި ކޮމިޓީ އަށް ފޮނުވައިފި އެވެ.

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވައި ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

އެހެންވެ، އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އެ ބިލަށް ވޯޓަށް ނޭހޭނެތީ މިއަދުގެ ޖަލްސާގެ އެޖެންޑާ އިން އެ ބިލް ނަގާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ، ގާސިމް ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލާ މެދު ކޮމިޓީން އަލުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އެ ކަން ނިމިގެން އައީމަ އަޅުގަނޑު އެ މައްސަލަ ކުރިއަށް ގެންދާނަން،" ގާސިމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް - ފޮޓޯ: މަޖިލިސް

ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ބިލަކަށްވާތީ، މަޖިލިހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިއްބަވަން ޖެހެ އެވެ. އެއީ މިހާރު މަޖިލިހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ.

ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އާއި މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

އެ ބިލަށް ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ އަދަދު ހަމަނުވެގެން ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި 69 މެމްބަރުން ތިއްބެވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ