ގޮތް ނޭނގޭ މަރުތަކާ ގުޅިފައިވާ އިރުފާން ރުސްދީ ހައްޔަރުކޮށްފިއެވެ.
މ. ކުރިރުއްގޭ، އިރުފާން ރުޝްދީއަކީ، މާރާމާރީއެއްގެ މައްސަލައިގައި ހޯދަން ބޭނުންވެ، ފިލައިގެން އުޅޭތާ ތިން އަހަރުވެފައިވާ އަދި މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާން ކޮށްފައިވާ ފަރާތެކެވެ.
އިރުފާން ހައްޔަރުކޮށްފައިވަނީ ހާލުގައި ޖެހިގެން އެމްއެންޑީއެފްގެ އެހީއަށް އެދުނު ލޯންޗެއްގައި ހުއްޓައި ރޭ ފަތިހުއެވެ.
ފުލުހުން ވިދާޅުވީ، 2019 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 01:00 ހާއިރު ގދ.ތިނަދޫއިން 15 މޭލު ބޭރުން "ބްލޫވޭވް" ނަމަކަށް ކިޔާ ލޯންޗެއް 4 މީހުންނާއެކު ޕެޓްރޯލް ހުސްވެ އޮޔާދާކަމަށް އެމްއެންޑީއެފްއިން ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
"އޭގެ ފަހުން ލޯންޗު ތިނަދޫއަށް ފަތިހު 04:22 ހާއިރު ގެނެވި، ފުލުހުން އެ ލޯންޗުގައި ޝައްކުކުރެެވޭ ކަންތައްތަކެއް ހުރުމުން އޭގައި ތިބި 4 މީހުން ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ބެލި ބެލުމުން، މީގެ ތެރޭގައި އިރުފާން ރުޝްދީ ހުރިކަން ވަނީ އެނގިފައި. 25 އަހަރުގެ އިރުފާން ރުޝްދީއަކީ ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހޯދަމުންދާ މީހެއް." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އިރުފާން ރުޝްދީ އަދި މި ލޯންޗުގައި ތިބި އަނެއް ތިން މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ރޭ އެމްއެންޑީއެފް އިން ވިދާޅުވީ، މި ލޯންޗުގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ.
2016 ޖޫން 3 ވަނަ ދުވަހު ހިނގި މާރާމާރީއެއްގައި މަރާލި 14 އަހަރުގެ ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައިގައި ސުވާލު ކުރުމަށް މަރުތައް ބަލާ ކޮމިޝަނުން އިރުފާން ހޯދަމުންދާއިރު، އެ ކޮމިޝަނުން އިއްޔެ ހާމަކުރި ގޮތުގައި އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކަނީ އިރުފާން 2015 ވަނަ އަހަރު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން އަނބުރާ ރާއްޖެ ނާންނަ ކަމަށެވެ. ނަމަވެސް، 2016 ވަނަ އަހަރު މާލޭގައި ހިނގި މާރާމާރީއެއްގެ ސީސީޓީވީ ފުޓޭޖުން އިރުފާން ފެންނަ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.



