ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (JICA) އިން ހިންގަމުން ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް (YLTP) ގެ ބައިވެރިން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 26 ވަނަ ދުވަހު ވަނީ އެނބުރި މާލެ އައިސްފައެވެ.
މި މަހުގެ 6 ވަނަ ދުވަހު ޖަޕާނުގައި ފެށި މިޕްރޮގްރާމްގައި ފުވައްމުލައް، ރ. ފައިނު، ތ. ކަނޑޫދޫ، ފ. ދަރަނބޫދޫގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ހަނިމާދޫގައި ޤާއިމްކޮށްފައިވާ އެގްރިކަލްޗަރ ސެންޓަރުގެ މުވައްޒަފެއް ހިމެނިގެން ޖުމްލަ 5 ބޭފުޅުން ވަނީ ބައިވެފައެވެ.
ޖަޕާނުގައި ފުރިހަމަކުރި މިތަމްރީން ޕްރޮގްރާމުން ދަސްވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްފުށު ތަރައްޤީގައި ބޭނުން ހިފޭނެ ކަންތައްތައް ދެނެގަނެ އެކަންކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށް ކޮންމެ ބައިވެރިއަކުވެސް ވަނީ އެކްޝަން ޕްލޭންއެއް ތައްޔާރު ކުރައްވާފައެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަޙާ ވަޙީދު އަދި ޖާޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް. ޔަނާއީ މިއަދު ވަނީ މިޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ. މިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެބައިވެރިން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭންތައް ހުށަހަޅުއްވާދެއްވާފައެވެ. ބައިވެރިން ނިސްބަތްވާ ރަށްރަށުގައި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެދެވޭ ޙައްލުތަކެއް ހޯދުމަށް ދަނޑުވެރިންނާއި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ރަށު ފެންވަރުގައި ހިންގާނެ މަޝްރޫޢުތަކުގެ ޕްލޭންތައް މިބައްދަލުވުމުގައި ބައިވެރިންވަނީ ހުށަހަޅުއްވާދެއްވާފައެވެ.
މިބައްދަލުވުމުގައި ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކޮށް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އަމަލީ މައިދާނުގައި ޕްރޮގްރާމްގެ ބައިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މިޕްރޮގްރާމުން ދަސްވި އެއްޗިހީގެ ބޭނުން ވީހާވެސް ފުރިހަމަޔަށް ހިއްޕެވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާ ޒުވާން ބޭފުޅުންގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށާއި އެބޭފުޅުންގެ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެރަށްރަށުގެ ކައުންސިލްތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އާންމު ފަރުދުންނަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރު ދެއްވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދަނޑުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި JICA ގެ އެހީގައި ވޮލަންޓިއަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.



