އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ބޮބީ ޑެއޯލް އަދި ކްރީތީ ސަނަން ފަދަ ގިނަ ތަރިން ތަކެއް ބައިވެރިކޮށްގެން އުފައްދާފައިވާ "ހައުސްފުލް" ސިލްސިލާގެ ހަތަރުވަނަ ބައި "ހައުސްފުލް 4" މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކޮއްފައިވާއިރު، މި ފިލްމް އޮންލައިންކޮށް ލީކް ކޮށްލައިފިއެވެ.
މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން ދިޔަ އެއްފިލްމަށް "ހައުސްފުލް 4" ވެގެން ދިޔައެވެ.
" ހައުސްފުލް 4" ގެ ލީޑު ރޯލުންވެސް ފެނިގެންދަނީ އަކްޝޭ ކުމާރުއެވެ. އޭނާއާއި އެކު މި ފިލްމް ސީކުއަލްތަކުން ފެނިގެންދިޔަ ރިތޭޝް ދޭޝްމުކާއި ބޮބީ ޑިއޯލްއާއި ކްރިތީ ސެނޯން އާއި ޕޫޖާގެ އިތުރުން ކްރިތީ ކަރްބަންދާވެސް ފެނިގެންދާނެއެވެ.
ލޯބީގެ މި ފިލްމްގައި ފެނިގެންދާނީ ލޯބިވެރިންތަކެއްގެ މެދުގައި 1419 ވަނަ އަހަރާއި 2019 ވަނަ އަހަރު ހިނގާ ކަންތައްތަކެކެވެ. ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އަކްޝޭ ދެ ރޯލަކުން ފެނިގެންދެއެވެ. މި ގޮތުން 1419ގެ ބާލާގެ ނަމުން އަކްޝޭ މި ފިލްމުގައި ފެނިގެންދާއިރު 2019 ގެ ބައިގައި އަކްޝޭ ފެނިގެންދަނީ ހެރީގެ ނަމުގައެވެ.
ފަހަކަށްއައިސް ބޮލީވުޑްގެ ފިލްމްތައް އަޅުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލްމް އޮންލައިންކޮށް ލީކް ކުރުން މިވަނީ ވަރަށް އާއްމުކަމަކަށްވެފައެވެ. އެގޮތުން ކަންގަނާގެ އެންމެ ފަހުގެ ފިލްމް “ޖަޖްމެންޓަލް ހޭ ކިޔާ” އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި “ބަތްލާ ހައުސް” ވެސް ވަނީ ދާދިފަހުން ލީކް ކޮށްލައިފައެވެ.



