މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއްނެތި، ކަންކަމުގައި ޝިއާރުފާޅުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސަރވަންޓުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވާ ކަންކަންމުގައި ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު "ޤައުމީ ދުވަހުގެ އިލްތިމާސް" ގައެވެ.
ސިވިލް ސަރވިސް ކޮމިޝަނުންވަނީ މި އިލްތިމާސްއާއި ގުޅޭ ގޮތުން އަތޮޅު ކައުންސިލް ތަކުގެ ޒިންމާދާރުވެރިންނާއެކު ޓެލެކޮންފަރެންސް ގެ ޒަރިއްޔާއިން މިއަދު ހެނދުނު މަޝްވަރާވެސްކޮށްފައެވެ. 20 އަތޮޅުތަކުގެ ޒިންމާދާރުވެރިން ބައިވެރިވެވަޑައިގެންނެވި ޓެލެކޮންފަރެންސް ގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރަައީސް ޑރ. އަލީ ޝަމީމެވެ.
މި އިލްތިމާސްގައިވާ ކަންކަމުގެ މަޢުލޫމާތު އެ އަތޮޅެއްގައިވާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިއްސާކޮށްދެއްވައި، މުވައްޒަފުން ހޭލުންތެރި ކޮށްދެއްވުމަށް ކޮމިޝަނުގެ ފަރާތުން ޓެލެކޮންފަރެންސް ބައްދަލުވުމުގައި ވަނީ އެދިފައެވެ.
މި އިލްތިމާސްގައި މާދަމާ ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ފަޚުރުވެރި އަދި އުފާވެރި 1441 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތްތެރި އެންމެހާ މުވައްޒިފުންނާއި މުވައްޒިފުންގެ އާއިލާތަކަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.
އެ ކޮމިޝަނުން ވިދާޅުވެފައިވަނީ ޤައުމީ ދުވަހަކީ ޤައުމުގެ ކަންކަމާމެދު ވިސްނައި އަދި ތިމާއަށް ޤައުމަށްޓަކައި ކޮށްދެވިދާނެ ކަންކަމާ މެދު ނަޒަރުހިންގައި ޤައުމީ ލޯތްބާއި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ފާހަގަކުރެވޭ އެންމެ މުހިންމު ދުވަސްކަމުން، ޤައުމުގައި ދެމެމުންދާ އޮއިވަރުތަކާއި ޤައުމީ މަސްލަހަތަށް ލޮޅުންއަރާފާނެ ކަންތަކާމެދު ކޮންމެ ސިވިލް ސަރވަންޓަކު ވެސް ވިސްނުމަކީ މުނާސަބަތުކަމެއް ކަމެއްކަމަށެވެ.
ޤައުމީ މަސްލަހަތަށް ފުށުއަރާ އަދި ޤައުމީ އެއްބައިވަންތަކަމަށް ގުޑުން އަރާފަދަ ކަންކަން ހިނގަމުންދާ
ދަނޑިވަޅުތަކުގައި ވެސް، މަޝްވަރާގެ މަތިވެރި އުސޫލަށް ކަމޭހިތައި، ޤައުމުގެ މަސްލަހަތު އިސްކޮށް ޒިންމާދާރު ހެޔޮލަފާ އަފުރާދެއްގެ ފަރުދީ ޒިންމާ ކޮންމެ ސިވިލް ސަރވަންޓަކުމެ އަދާކުރުމަކީ ޤައުމުގައި އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ދަމަހައްޓައި ރައްޔިތުންނަށް އުފާ ފާގަތިކަން ފަހިކޮށްދީ، ޤައުމުގެ ހެވާއި ލާބަޔަށް ފޯރުކޮށްދެވޭނެ އެންމެ ބޮޑު އެހީތެރިކަން ކަމުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ވިދަޅުވެފައިވަނީ ޚިޔާލު ތަފާތުވުމާއި ބަހުސް އުފެދޭ ކަންކަމުގައި ވެސް، ރުޅި އިސްނުކޮށް ކެތްތެރިކަމާއި، ހެޔޮ ވިސްނުމުގެ ބޭނުންހިފައި ޤައުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި، ފިތުނަ ފަސާދައަށް ޖާގަނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަކީ މި ފަދަ ކަންކަމުގައި ކަންކުރަން އޮންނަ އެންމެ މޮޅު ގޮތްކަމަށެވެ.
މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ށ) އިން، ދިވެހި ސިވިލް ސަރވިސްގައި ޚިދުމަތްކުރާ މުވައްޒަފުންނަކީ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރާ، ސިޔާސީގޮތުން ވަކި ފަރާތަކަށް ނުޖެހޭ، ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ، ޤާބިލު ބަޔަކަށް ހެދުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށްފައިވާ ހިނދު، މި އުޞޫލުތަކާއި މިންގަނޑުތަކުގެ ތެރޭގައި ސިވިލް ސަރވަންޓުންގެ އުޅުމާއި އަޚުލާޤު ބެހެއްޓުމަށް ވަނީ ހަނދުމަފުޅު ކޮށްދެއްވާފައެވެ.
އަދި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ މާއްދާ 19 ގެ (ށ) އަދި 20 ގެ (ހ) އަދި (ށ) ގައި
ބަޔާންވެގެންވާ ފަދައިން، އެ މުވައްޒަފު ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އަބަދުމެ ކުރިއަށް ނެރެ އިސްކަންދޭންވާނީ ޤައުމީ މަސްއޫލިޔަތާއި، ރައްޔިތުންގެ ލާބައާއި މަންފާކަމަށާއި ހަމަ އެފަދައިން، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަންވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ރަސްމީގަޑީގައި އޮފީހުގެ ތެރޭގައި މަސައްކަތާ ނުގުޅޭ ކަންކަމުގައި މަސްއޫލުނުވުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޚިދުމަތްތައް ހަލުވިކޮށް އަވަހަށް ދިނުމަށާއި، ރަސްމީގަޑީގެ ބޭރުން ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނައާއި ފަސާދަ އުފެދޭގޮތަށް ފުރުޞަތު ނުދިނުމަށާއި ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ފަހިވާގޮތަށް ޖާގަނުދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެންމެހާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.




