މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވާ ފަންނީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެކޯޕަރޭޝަނުން ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެކޯޕަރޭޝަނުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވާން ބޭނުންވާ ފިރިހެން ކައްކާއިންނާއި، ފިރިހެން އިމާމުން ދަފްތަރެއް އެކުލާވާލުމަށް އެކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށައެޅުމަށެވެ.
ދަފްތަރު އެކުލަވާކުމަށްފަހު އެކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ މިދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެ ކޯޕެރޭޝަންގެ ކައްކާއިންނަށް ޙައްޖު ދަތުރު ތަކުގައި 400 ޑޮލަރު އަދި އުމްރާ ދަތުރުތަކުގައި 200 ޑޮލަރު މާލީ އިނާޔަތުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިމާމުންނަށް ޙައްޖު ދަތުރުތަކުގައި 200 ޑޮލަރު އުމްރާ ދަތުރު ތަކުގައި 100 ޑިލަރު ދިނުމަށް ހަމަޖެހިފައިވެއެވެ.
ކައްކާއިންގެ ޝަރުތުގެ ގޮތުގައި އެ ކޯޕަރޭޝަނުން ހިމަނާފައިވަނީ ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގުމާއި، ޙައްޖު ނުވަތަ ޢުމްރާ ދަތުރުގައި ކައްކާ ކާންދިނުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުމެވެ.
އިމާމުންގެ ޝަރުތުގެ ގޮތުގައި ހިމަނާފައިވަނީ ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުމާއި، ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހެއް ކަމުގައިވުމެވެ.



