ޔެލޯ އެލާޓް: ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައިމީ އިދާރާ، މެޓް އޮފީހުން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މިއަދު ހެނދުނު 11:00 އިން ހަވީރު 03:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެންހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ