ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނަނީ ޤައުމުގެ ހިމާޔަތުގައި ޤުރުބާންވާނެ ދަރިންތަކެއް ތިބެގެން - ހޯމް މިނިސްޓަރ

ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނަނީ ޤައުމުގެ ހިމާޔަތުގައި ފިދާވެ ޤުރުބާންވާނެ ދަރިންތަކެއް ތިބެގެންކަމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެންވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ މާސިންގާ ބިޔަ ކަނޑުގެ މިޞަރަހައްދުގައި އިސްތިއުމާރީ ބާރުތަކުގެ ތެރޭގައި އެތައްސަތޭކަ އަހަރުވަންދެން މިނިވަންކަމާ އިސްތިޤުލާލުގެ މަތީގައި ދެމިއޮތުމުގެ ޞިއްރަކީވެސް އެއީކަމަށެވެ. ހުއްބުލް ވަޠަން ނުވަތަ ވަޠަންދެކެ ލޯބިވުމަކީ ޤައުމަށް އުފަންވާ ޒިންމާދާރު ކޮންމެ މުޢާޠިނެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ތިމާ އުފަންވެ ހެދިބޮޑުވާ ވަޠަންގެ ކަރާމަތާ އިސްތިޤުލާލާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަޞްޢޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަކީ ޤައުމުގެ ކޮންމެ ދަރިއެއްގެ ޒިންމާއެއްކަމަށެވެ. އަދި އަމިއްލަ ވަޠަނަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ބޮޑުވެގެންވާ ޒިންމާޔާ މަޞްޢޫލިއްޔަތަކީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން އެކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ތާރީޚަށްޓަކައި، ދިވެހި ޤައުމަށްޓަކައި ޤުރުބާންވާނެ އެތައް ކާބަފައިންނެއް މިދީބު ދެކެފައިވާކަން ފާހަގަކުރައްވަމުން އެފަދަ ބޭފުޅުންގެ ޒިކުރާ އާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޤައުބީ އަބްޠާލުންގެ ޒިކުރާ އާކުރުމަކީ އެއް ޖީލުން އަނެއް ޖީލަށް ދަތުރުކުރަމުން ގެންދަންޖެހޭ ޤައުމީ ވިލެއްކަމަށާއި، ކޮންމެ ދިވެއްސަކު ދިވެހި ތާރީޚުގެ ޞަފްހާތަކުގެތެރެއަށް ގޮސް ދިވެހި ޤައުމަށްޓަކައި އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާންތައް ދިރާސާކޮށް ދަސްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެކަމުން އިބުރަތާ ފިލާވަޅު ލިބިގަނެ، އަޅުގަނޑުމެންގެ ޖީލުތައް ޤައުމުގެ ހިމާޔަތަށް ކުރަންވީ ކަންކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ ޤައުމެއްވެސް މިނިވަންކަމާއެކު ދެމިއޮންނަނީ އެޤައުމެއްގެ ޤައުމިއްޔަތުގެ އަޞާޞްތަކެއް އޮވެގެން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމުގެ އަޞާޞަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަސް، އަދި ދިވެހިންގެ ފަޚުރުވެރި އާދަކާދަޔާ ޘަޤާފަތް. އެހެންކަމުން ދިވެހި ދައުލަތުގެ މިނިވަންކަމާ ރައްކާތެރިކަމަށްޓަކާ ދިވެހި ޤައުމިއްޔަތުގެ އަޞާޞްތައް ދިރުވާއާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަޞްޢޫލިއްޔަތެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވަނީ ކުރިން ދިމާވިފަދަ ކަންކަމާ ނޫންކަމަށެވެ. އެހެންކަމުން އެކަންކަމުން އަރައިގަނެ ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ޤައުމުގެ މުސްތަޤްބަލް އާރާސްތުކުރުމަށްޓަކައި އަޅުގަނޑުމެން އެކަންކަމާ ކުރިމަތިލާންޖެހެނީ މިއަދުގެ ވިސްނުމާ ފިކުރުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމް 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 21 ބޭފުޅަކަށް ވަނީ ދެއްވާފައެވެ. އިނާމްތައް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ