މިރޭ ދަންވަރުވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ޅ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިރޭ 23:30 އިން ފަތިހު 04:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ALERT YELLOW for Torrential rain and thunderstorms with gusts of 45 mph. pic.twitter.com/vt559IoqlB
— Maldives Meteorology (@MetMaldives) October 29, 2019
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.




