ވައިޓް އެލާޓް: މިރޭ ދަންވަރު މެދުރާއްޖެތެރެއާއި ދެކުނަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ

މިރޭ ދަންވަރު މެދުރާއްޖެތެރެއާއި ދެކުނަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.

މިރޭ 23:50 އިން ފަތިހު 05:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެދުރާއްޖެތެރެއާއި ދެކުނަށް ވައިޓް އެލާޓް ނެރުނުއިރު މިރޭ ދަންވަރު ރާއްޖޭގެ އުތުރުގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

މިރޭގެ ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ