އިންޑިޔާގެ އިރުއުތުރު ސްޓޭޓެއްކަމުގައިވާ މަނިޕޫރުގައި ވަކި ދައުލަތެއް އުފައްދާފައިވާކަމަށާއި، އަދި އދ. ގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސް އެއްގެ ތެރެއިންނެވެ. މަނިޕޫރު، އިންޑިޔާ އާ ވަކިކޮށްލާފައިވާކަމަށް ބުނެފައިވާއިރު، މަނިޕޫރުގެ ސަރުކާރު އަދި ހިންގަމުން ދަނީ ލަންޑަނިގައިކަމަށްވެސް ބުނެފައިވެއެވެ.
މަނިޕޫރު ސްޓޭޓް ކައުންސިލެއް އުފައްދާފައިވާކަމަށް މި ޕްރެސް ކޮންފަރެންސްގައި ބުނެފައިވާއިރު، މި ކައުންސިލުގައި އެކި މިނިސްޓަރުންވެސް ތިބެއެވެ. މި ކައުންސިލުގެ އެކްސްޓާނަލަ އެފެއާޒް މިނިސްޓަރު، ނަރެންގބަމް ސަމަރްޖިތު ބުނެފައިވަނީ އިއްޔެއިން ފެށިގެން މިނިވަން ދައުލަތެއް ހިންގަން ފަށާފައިވާއިރު، އެކި ޤައުމުތަކުގެ ރުހުން ހޯދައިގެން، އދ.ގެ ފުރިހަމަ މެންބަރަކަށްވުމަށް މަސައްކަތް ކުރަމުންދާކަމުގައެވެ.
1947 ވަނަ އަހަރު، އިނގިރޭސީންގެ ކިބައިން އިންޑިޔާ އަށް މިނިވަންކަން ލިބުނުއިރު، މަނިޕޫރަކީ އިންޑިޔާގެ ބައެއް ނޫނެވެ. އެއީ ވަކިން ހިންގަމުން އައި ދައުލަތެކެވެ. އިންޑިޔާގެ ދަށަށް މަނިޕޫރު ގޮސްފައިވަނީ 1949 ވަނަ އަހަރުގެ ތެރޭގައެވެ.
އޭރުންސުރެވެސް، އިންޑިޔާގެ އަތްދަށުން ވަކިވެ، ވަކި ދައުލަތެއް ގާއިމުކުރުމުގެ އަޑު، މަނިޕޫރުގައި އޮތީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެސަރަޙައްދަކީ ހަނގުރާމަވެރިންގެ ހަރަކާތްތައްވެސް ގިނަ ސަރަޙައްދެކެވެ. އެގޮތުން، 100 އަށްވުރެ ގިނަ ހަނގުރާމަވެރިން ޖަމާއަތް ހަރަކާތްތެރިވަމުންދާކަމަށްވެއެވެ.