ވީޑިއޯ ސްޓޭޓްމެންޓްގެ ސްކްރީން ފޮޓޯއެއް

މަޝްވަރާގެ މޭޒަށް އައުމަށް ޕާކިސްތާނުން އިންޑިއާ އަށް ދައުވަތު ދީފި

މަޝްވަރާގެ މޭޒަށް އައުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އިންޑިއާ އަށް ދައުވަތު ދީފިއެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އާންމުކުރި ވީޑިއޯ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، ހުރިހާ ހަނގުރާމަތަކެއްވެސް ފެށިފައިވަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ނިމޭނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް ހަނގުރާމަތައް އެތަކެއް އަހަރަކަށް ދިގުލައިގެން ގޮސްފައި ވާކަމަށެވެ.

"އިންޑިއާއަށް އަހަރެން ކޮއްލަން ބޭނުންވާ ސުވާލަކީ، އަހަރެމެންގެ އަތުގައި ހުރި ހަތިޔާރާ އަދި ކަލޭމެންގެ އަތުގައި ހުރި ހަތިޔާރުން މި ހަނގުރާމަ ދާނީ ކޮން ދިމާލަކަށްހޭ؟ ދުނިޔޭގައި ކުރެވިފައިވާ ބޮޑެތި ހުރިހާ ހަނގުރާމައެއް ފެށިފައިވަނީ ދިގު ދެމިގެންދާނެ ކަމަކަށް ނޫން، މިއަދު މިފަށާ ހަނގުރާމަ މާދަމާ ވާނެ ގޮތެއް ކިހިނެއް އިނގޭނީ؟ އަހަންނަކަށް އަދި މޯދީ އަކަށްވެސަ ހަނގުރާމައިގެ ކޮންޓްރޯލް ނޯންނަ ހިސާބަށް ގޮސްފާނެ، އެހެންވެ އަދިވެސް އެއްފަހަރު ހަނގުރާމަ ކުރުމުގެ ބަދަލުގައި މަޝްވަރާގެ މޭޒައް އައުމަށް އިންޑިއާއަށް ދައުވަތު އަރުވަން" ވީޑިއޯ ސްޓޭޓްމެންޓްގައި އިމްރާން ހާން ބުނެފައި ވެއެވެ.

އިންޑިއާއި އަދި ޕާކިސްތާނުގެ މަޝްރަހު ގޯސްވެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައި މިވަނީ، ކަޝްމީރުގައި މިމަހުގެ ކުރީކޮޅު އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ހަމަލައެއްގައި އިންޑިއާ ސިފައިންގެ 42 މީހުން މަރާލުމާއި ގުޅިގެންނެވެ.

މި ހަމަލާއާއި ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ކަޝްމީރުގެ ޕާކިސްތާނާ ވީފަޅިއަށް ވައިގެ ހަމަލާތައް ދީފައެވެ. އަދި އިއްޔެ ޕާކިސްތާނާ ވީފަޅިއަށް ވަތް އިންޑިއާގެ ހަންގުރާމަމަތީ ޖެޓެއް ވަނީ ވައްޓާލައި ޕައިލެޓް ހައްޔަރު ކޮށްފައެވެ. މިހާރު މިދެގައުމުގެ އަސްކަރިއްޔާ ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް