ގއ. ވިލިނގިލި ކައިރީގައި އޮތް ސަފާރީ އަކުން ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލުވެ ހުންނެވި ޝަމްވީލު މުހައްމަދާ ހަވާލާދީ 'ސަން' އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު އެ ހޮސްޕިޓަލަށް ފަތުރުވެރިއެއް ގެނައި ކަމަށާއި އޭނާ ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
މޯލްޑިްވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ގއ ވިލިނގިލީ ކައިރީގައި އޮތް ސަފާރީ އަކުން ޑައިވިނަށް ފޭބި އުމުރުން 50 އަހަރުގެ ޗައިނާ ފަތުރުވެރިއަކު ހާލު ގޯސްވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެކަމުގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ 12:05 ހާއިރު ކަމަށެވެ.
މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު ގއ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު އޮތްއިރު، އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ބަލުމުންނެވެ.
ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މިއަދު މަރުވެފައިވާއިރު ވޭތުވެ ދިޔަ ތިން މަސް ދުވަސް ތެރޭގައި ގިނަ އަދަދަކަށް ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފަ އެވެ.