ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ. ވަގުތު ފާއިތުނުވަނީސް އާޚިރަތަށް ތައްޔާރުވަމާތޯ!

އޭ އިންސާނާއެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. އަދި އިމްތިހާނެކެވެ. ތިބާ މިދުނިޔެމަތީ އަޅާ ކޮންމެ ފިޔަވަޅެއްވެސް އިމްތިހާން ކުރެވޭނެކަން ހަނދާން ނައްތާ ނުލާށެވެ. މިހާރު މިވަގުތުވެސް ތިބާ ދާނީ އިމްތިހާން ކުރެވެމުންނެވެ. މާތްﷲ އީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަބަދުވެސް ހަނދާން ބަހައްޓާށެވެ. ދުނިޔެމަތީ ކުރާ އަމަލުތަކުގެ ނަތީޖާ އިއްވާ ދުވަސް ވަރަށް ކައިރި ވެއްޖެއެވެ. ދުނިޔޭގެ ލައްޒަތާއި އަރާމު ހޯދަން އާޚިރަތް ދޫކޮށްލާފައި އުޅޭ މީހުންގެ ތެރެއިން ނުވާށެވެ.

މިދުނިޔެމަތީ ތިބާ ފަށައިފައިވާ ދަތުރު ނިންމާލަންޖެހޭނީ ކޮންވަގުތަކު، ކިހިނެއް، ކީއްކުރަން އުޅެނިކޮށް ކަމެއް ނޭނގޭނެއެވެ. އެދުވަހަކުން ތިބާވާނީ އެއްވެސް އާރެއްބާރެއް ނެތް ނިކަމެއްޗަކަށެވެ. ތިބާގެ ކުރިމަތީގައި އެތައްބަޔަކު ރޮއްވާލުމަށްފަހު ކިތަށްމީހުން މި ދުނިޔެ ދޫކޮށް ގޮސްފިހެއްޔެވެ. އަޖަލުއައިސް ޖެހުމުން ކުޑައެއް، ބޮޑެއް، މުސްކުޅޮއެއް ، ޒުވާނެއް ނޯވެއެވެ. މިކަންކަން އެނގިހުރެ ތިބާ އުރެދެނީ ކީއްވެގެން ހެއްޔެވެ. ކިތަންމެ ބޭނުން ނުވިޔަސް ތިބާގެ ފަހުނޭވާ ދޫކޮށް މިދުނިޔެ މަތިން އެއްކޮށް ލޯމަރާލަން ޖެހޭނެއެވެ.

ތިބާއަކީ މި ދުނިޔޭގައި ދަތުރުވެރިއެކެވެ. ދަތުރުގެ ފަހުމަންޒިލް އުޖާލާ ކުރެވޭތޯ ބަލާށެވެ. ތިބާއަށް ފުރިހަމަ ސިއްޚަތެއް ލިބި ފަރުޟު ފަސް ނަމާދު އަދާ ނުކުރާނަމަ ތިބާ ވާނީ ހާދަބޮޑު ނިކަމެއްޗަކަށެވެ. ވާހަކަދެއްކުމުގެ ޤާބިލުކަންލިބި ޤުރުއާން ނުކިޔަވާނަމަ އާޚިރަތް ދުވަހުން ތިޔަ ދުލުން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ފައިސާއާއި މުދާ ހުރެމެ ފަޤީރުންނަށް ޞަދަޤާތް ނުކޮށް އެހީނުވެ ތިއުޅެނީ ކަށްވަޅަށް ދާއިރު ގެންދަން ލިބޭނެކަމަށް ހެއްޔެވެ. ހަމަ ގައިމުވެސް އެ ފައިސާއިން ކުރި ހެޔޮ އަމަލެއްނޫނީ ގެންދާކަށް ނުލިބޭނެއެވެ.

އޭ އިންސާނާއެވެ. ދުނިޔެވީ އަރާމާއި އުފާ ހޯދަން ނުދުވާށެވެ. އޭގެ ބަދަލުގައި އާޙިރަތް އުޖާލާ ކުރަން އަތުކުރި އޮޅާލާށެވެ. މަރުއައިސް ބައްދަލުކުރުމުން ފައިސާއަކުން އެކަމެއް ނުހުއްޓުވޭނެއެވެ. ކަށްވަޅުގެ ވޭނީ އަޒާބާއި ތިބާ ކުރިމަތިލާން ޖެހޭދުވަހު އެކަމުން ސަލާމަތް ވާނެމަގު ތަނަވަސް ކުރެވޭތޯ ބަލާށެވެ. ތިބާއަށްޓަކައި ހެޔޮދުޢާ ކޮށްދޭނެ އެކުވެރިން އިޚްތިޔާރު ކުރާށެވެ. ދީނާ ދުރު އެންމެ ޒަމާނަށް ލޯބިކުރާ އެކުވެރިން ގެންގުޅެގެން ފަހުން ވާނެ ފައިދާއެއް ނޯންނާނެއްވެ.

އޭ ދަތުރުވެރިޔާއެވެ. ފަހުން ކުރަން ހެޔޮއަމަލުތައް ނުބަހައްޓާށެވެ. މި ވަގުތީ ހަޔާތުގައި ތިބާ މާދަމާ ކުރަން ރާވާ ކަންތައްތައް ކުރަންދެން ދުނިޔޭގައި ހުންނާނެ ކަމެއް އެބަ އެނގޭ ހެއްޔެވެ. މި ދުނިޔެ ދޫކޮށް ދިއުމުގެ ކުރިން އަވަހަށް ކުރެވިގައިވާ ކުދިބޮޑު އެންމެހައި ފާފަތަކަށް ތަޢުބާ ވެވޭތޯ ބަލާށެވެ. ފާފަ ފުއްސެވުންއެދި މާތް ﷲ ގެ ހަސްރަތުގައި އާދޭސް ދަންނަވާށެވެ. ﷲ އީ އެންމެހައި ފާފަތައް ފުއްސަވައި ރަހީމްވަންތަ ރަސްކަލާނގެއެވެ. އެއީ ތިބާގެ ފާފަތައް ކިތަންމެ ގިނަކަކުގައި ވީނަމަވެސްއެވެ.

ދުނިޔެ އަކީ ދަތުރުވެރިންގެ ވަގުތީ މަންޒިލެކެވެ. ވަގުތު ފާއިތުނުވަނީސް އާޚިރަތަށް ތައްޔާރުވަމާތޯއެވެ!

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ