"ބަޑިބުރާސްތަފި" ގެ ނަމުގައި މިރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅުނު ޖަލްސާއަށް ކާނިވާ ސަރަހައްދު ދޫނުކުރުން އެއްވުން ބާއްވާފައިވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޮޑުތަކުރުފާނުމަގުގައެވ. އެތަނަށް އެއްވާން ފެށުމާއެކު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލައި ބަޔަކު ހައްޔަރުކޮށްފައެވެ.
ދާދި ދެންމެ ފުލުހުން ވިދާޅުވީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައިގެން މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 12 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މި އެއްވުން ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރުންނާއި، ޕީޕީއެމް/ޕީއެންސީގެ ކައުންސިލްގެ މެންބަރުންގެ އިތުރުން ނޫސްވެެރިންނާއި އެކްޓިވިސްޓުން ހިމެނެއެވެ.
އެއްވުން ރޫޅާލުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވެފައިވާއިރު، ކޮންމެވެސް ވަރަކަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވެއެވެ.
ސުލްހަވެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް މަސައްކަތްކުރި އެއްވުމަށް ހުރަސް ނޭޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.



