މިރޭގެ އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ފޮޓޯ: އަވަސް

ބަޑިބުރާސްފައްޗަށް ހުރަސް އެޅުމުން ޕްރޮގްރެސިވް ކޯލިޝަނުން ނުރުހުން ފާޅުކޮށްފި

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން މަސައްކަތްކުރި އެއްވުމަށް ފުލުހުން ހުރަސް އެޅުމުން ޕްރޮގްރެސިވް ކޯލިޝަނުން ނުރުހުން ފާޅުކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ޞުލްޙަވެރި ކަމާއެކު ޚިޔާލުފާޅުކުރަނިކޮށް އެކަމަށް ފުލުހުން ހުރަސްއެޅުމާގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވީ، ނަޞްރުގެ ދުވަސް ފާހަގަކުރުމަށް "ބަޑިބުރާސްފަތި" މިނަމުގައި ޞުލްޙަވެރިކަމާއެކު ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ މިނިވަންކަމުގެ ތެރެއިން ޚިޔާލުފާޅުކުރަމުންދަނިކޮށް ފުލުހުންވަނީ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން މި ޞުލްޙަވެރި އެއްވުން ހުއްޓުވާފައިވާ ކަމަށެވެ.

"މިކޯލިޝަންއަށް ސަޕޯޓްކުރާ ގިނަޢަދަދެއްގެ ބަޔަކު ޕީޕީއެމް އޮފީސް ސަރަޙައްދަށް އެއްވެފައިވަނިކޮށް، ފުލުހުން ބޭނުންކޮށްގެން ނުވާނެ ބަހުރުވައިން އެފަރާތްތަކާ މުޚާޠަބުކޮށް 8 މީހަކު ވަރަށް އަނިޔާވެރި ގޮތަކަށް ވަނީ ހައްޔަރު ކޮށްފައި. އެހެންކަމުން މިޢަމަލު މިކޯލިޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން." ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޤާނޫނު ނަމްބަރު 1/2013 ސުލްޙަވެރި ކަމާއެކު އެއްވެޅުމުގެ މިނިވަން ކަމުގެ ޤާނޫނުގެ ދަށުން ހުރިހާ ފަރާތްތަކަށްވެސް އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ލިބިދޭ ކަމަށާއި، އެހެންކަމުން އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަމަހަމަ ގޮތެއްގައި ހުރިހާފަރާތްތަކަށްވެސް ކަށަވަރު ކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޥޝަނުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭގެ އެއްވުން ބާއްވަން މަސައްކަތްކުރީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް އެހެން ބޭނުމަކީ ބަޔަކަށް ދޫކޮށްފައިވާކަމަށް ވިދާޅުވެ ޕްލޭނިންގ މިނިސްޓްރީން އިދިކޮޅު ފަރާތްތަކަށް އެ ސަރަހައްދު ދޫކޮށްފައެއް ނުވެއެވެ. އެހެންކަމުން ޤާނޫނާ ޚިލާފަށް އިިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވަން މަސައްކަތްކުރީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ބަޑިބުރާސްފައްޗަށް ހުރަސް އެޅުމުން ޕްރޮގްރެސިވް ކޯލިޝަނުން ނުރުހުން ފާޅުކުރިިއިރު، ޕީޕީއެމް ވެރިކަމުގައި އޮވެ ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުން އެއްވެ އުޅުމުގެ ޤާނޫނަށް 2016 ވަނަ އަހަރު ވަނީ ބަދަލުގެނެސް، ފުލުހުންގެ ހުއްދައާއެކު ހައުސިންގ މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ސިޔާސީ އެއްވުން ބޭއްވޭގޮތަށް ބަދަލުކޮށްފައެވެ.

އެއާއެކު މިހާރު ސިޔާސީ ހަރަކާތްތަކަށް ދޫކުރަމުންދަނީ ކާނިވާ ސަރަހައްދު އެކަންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ