2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37.5 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.
މިހާތަނަށް ހުށަހެޅުނު ދައުލަތުގެ އެންމެ ބޮޑު ބަޖެޓް ކަމަށްވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޚަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ އަދި ދަރަނިތައް އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް 5.7 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެއެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަބޮޑުނުވާނެ ބަޖެޓަކަށް ވެގެންދާނެ ކަމަށެވެ.
"މިއީ މި ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ހިމަނައި، ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ތައްޔާރުކުރަން ފުރުޞަތު ލިބުނު ފުރަތަމަ ބަޖެޓްކަމުން މި ބަޖެޓް ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ޤަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ، ރައްޔިތުންނަށް ބުރަބޮޑުނުވާނެފަދަ އުޞޫލުތަކެއްގެމަތިން ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭ ބަޖެޓަކަށް." ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އޮގަސްޓް މަހުގެ ތެރޭގައިވަނީ 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ފާސްކޮށްފައި ވެއެވެ.




