ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއެކުކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ހައިލަމް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ "ސީސީއާރުސީ އެކުވެރިންގެ ދަރުބާރު" ވައިބަރ ގްރޫޕްގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއަރކުރި ކުރެހުމަކުންނެވެ.
ލީކްވެފައިވާ ސްކްރީން ފޮޓޯއިން ފެންނަނީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ބަޑިއަކާއެކު ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި އަދި ބައެއް އެހެން މީހުންގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗެންޗޭނު ޖަހައިގެން ދަމާފައި ގެންދާ މަންޒަރެވެ.
"އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މި އިބާރާތް އެ ކުރެހުމުގެ މަތީގައި ލިޔެފައިވާއިރު، މިކަމާއި ގުޅޭގޮތުން ގާޒީ ހައިލަމްގެ ބަހެއް އަދި ލިބޭގޮތްވެފައެއް ނުވެއެވެ.
Criminal Court Gaazee Hailam CCRC Club gai Nasruge dhuvahuge thahuniyaa ge message. pic.twitter.com/VxTENAQIgb
— Thayyib (@thayyib) November 3, 2019
މިފަދަ ގޮތަކަށް ނަސްރުގެ ދުވަހުގެ ތަޙްނިޔާ ހައިލަމް ފޮނުވާފައިވާއިރު، ހައިލަމާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިކަން އެ ކޮމިޝަނުން ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބުނެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ގާޒީ ހައިލަމް ބައްލަވާއިރު، އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.