ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދީނީ ވާޖިބެއް ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ 32 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބުތުގައި ކުރެއްވި ތްވީޓެއްގައެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މުސްލިމުންގެ އަމިއްލަ ވަތަންގެ މިނިވަންކަމާ އިސްތިގުލާލް ދިފާއު ކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި މި ހަގީގަތް އަޅުގަނޑުމެން ނަގަހައްޓާނެ ކަމަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ހިންގި ބަޣާވާތެކެވެ. އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ.
އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށެވެ. އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ.
ހަމައެހެންމެ، އެދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ބާޣީންނާއި ހަގުރާމަކުރަމުން ގެންދިޔައެވެ. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ.
އެދުވަހު ޝަހީދުވި ހިތްވަރުގަދަ ދިވެހި އަބްޠާލުންނަށް މާތްﷲ ހެޔޮރަޙްމަތްލައްވާށިއެވެ! ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދައްޓަކައި ރައްކާތެރި ކޮށްދެއްވާށިއެވެ! އާމީން.