ޝަރުޢީ ކޯޓުތަކަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމިޓީއެއްގެ ބެލުމުގެ
ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނޭ އެއްވެސް ގޮތެއް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެ ޤާނޫނުއަސާސީން
އެކަށައަޅާ ޤާނޫނުގެ ޙުކުމް ދެމިއޮތްހައި ހިނދަކު ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިގޮތަށް ވިދާޅުވީ، އެމަނިކުފާނު ދެއްމެ ނެރުއްވި ބަޔާނެއްގައެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނެ އެއްވެސް ގޮތެއް، ރާއްޖޭގެ ގާނޫނު އަސާސީ އާއި އެ ގާނޫނު އަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމި އޮތްހައި ހިނދަކު ނޯންނާނެ ކަމަށެވެ.
އަދި އޮޅުވާލައިގެން ބަޔަކު ކިތަންމެ ކަމެއް ކުރި ކަމުގައިވިޔަސް ރާއްޖޭގެ ދައުލަތުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވާނީ ރާއްޖޭގެ ކޯޓުތަކަށް ކަމަށާއި، ރާއްޖޭގެ ސްޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތްކަމީ ވަންހަނާ ނުވާނޭ މިންވަރަށް ގާނޫނުއަސާސީގެ ނައްސުތަކުން އެނގި ކަށަަވަރު ވާން އޮތް ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ނެރުނު ބަޔާނުގައި ވެއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުންނުވެ މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން އެއްވެސް ތަފާތު ކުރުމެއް ނެތި ފޯރު ކޮށްދޭނެކަމާއި، ޤާނޫނުއަސާސީ އާއި ޤާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ކޯޓުތަކުން އަދާކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
"މާތްﷲ ސުބްހާނަހޫ ވަތަޢާލާގެ ރަހުމަތްފުޅާއި ތައުފީޤާއި އެކު އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުންނުވެ މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ފޯރު ކޮށްދޭނެކަމާއި، ޤާނޫނުއަސާސީ އާއި ޤާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ކޯޓުތަކުން އަދާކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ
ފަނޑިޔާރުގެ ބާރެއް ނުހިނގާނޭ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި
ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނޭ ގޮތަށް ހެދުން ފަދަ ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް ބާރެއް ނޯންނާނޭ ގޮތް ހެދުން ފަދަ ކަމެކެވެ. އެހެންކަމުން، މިފަދައިން ޢަމަލު ކުރަމުން ގެންދިޔުމަކީ އެކަމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރު ކެނޑި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީނާ އެ ކޯޓަށް ދީފައިވާ ޙައިޘިއްޔަތާއި ދައުރު ނިގުޅައިގަނެ، މުޅި ޝަރުޢީ ދާއިރާ އާއި ޝަރުޢީ ކޯޓުތައް ނިކަމެތި ކޮށް، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާ ކުރުމަށް ދަތި ކޮށް، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މުޅި ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން ހިންގޭ ޣައިރު ޤާނޫނީ އަދި ޣައިރު ދުސްތޫރީ ޢަމަލުތަކެއް ކަމުގައި މެނުވީ ބެލެވޭނެ ތަނެއް ނެތެވެ." މިބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ، އަދި ކޮންމެ ފަނޑިޔާރަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ނެގެހެއްޓުމުގެ ދުސްތޫރީ ޒިންމާ އަދާ ކުރުމަށް ހުވައި ކޮށްގެން ހުންނަ މީހަކަށް ވާއިރު، މި ދެންނެވި ބީދައިން ޤާނޫނުއަސާސީ އަކީ ކުޅޭކުޅޭ އެއްޗަކަށް، އަދި ޤާނޫނުއަސާސީ މާނަ ކޮށް ތަފްސީރު ކުރުމުގެ ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ޙައިޘިއްޔަތެއް ނެތް ފަރާތްތަކުން ހިތަށް އެރި ގޮތަކަށް މާނަ ކޮށް، އޭގެ ޙުރުމަތާއި ހައިބަތު ގެއްލުވައިލާން އޮތް އެއްޗެއް ކަމުގައި ވެގެން ދިޔުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ނިޒާމު ޕެރަލައިޒް ކޮށް، ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފި ނަމަ ފަނޑިޔާރުންނާ މެދުގައި ފިޔަވަޅު އަޅާނޭ ކަމުގައި ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ޙަމަލާއެއް ކަމުގައި މެނުވީ ބެލެވޭނެ ޖާގައެއް ނެތް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޝަރުޢީ ކޯޓުތަކަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ބެލުމުގެދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެ - އުއްތަމަ ފަނޑިޔާރު