ރައީސް ޞޯލިޙް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައިގެން ދަމާފައި ގެންދާ މަންޒަރު ހިމެނޭ ފޮޓޯ ހިއްސާކުރި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމް މިއަދު ހެނދުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޟިރުވާން އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި ހައިލަމަށް އަންގާފައިވަނީ މިއަދު ހެނދުނު 8:00 ގައި ޖޭއެސްސީ އަށް ހާޒިރުވުމަށެވެ.
ކްރިމިނަލް ކޯޓުގެ ވައިބަ ގްރޫޕަކަށް ހައިލަމް ފޮނުއްވި މެސެޖު ސޯޝަލް މީޑިއާ އަށް ލީކުވުމާ އެކު ޖޭއެސްސީން މިއަދު ވަނީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފަ އެވެ. ހައިލަމްގެ އެހެން މައްސަލައެއް ވެސް ޖޭއެސްސީން ޖުލައި މަހުން ފެށިގެން ވެސް އަންނަނީ ބަލަމުންނެވެ.
ހައިލަމް ހިއްސާކުރި ފޮޓޯއިން ފެންނަނީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ބަޑިއަކާއެކު ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި އަދި ބައެއް އެހެން މީހުންގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާފައި ގެންދާ މަންޒަރެވެ.
ހައިލަމް ޖޭއެސްސީ އަށް ހާޒިރުކުރާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މިއަދު މެންދުރު ފަހު 1:00 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެއީ ހައިލަމް ބައްލަވާ މައްސަލައެކެވެ.