ސްރީ ލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮހޯނާ ވަލައްވެ ނިމާލް ދަރްމަކީރްތި ކަރުނަރަތްނޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވަވާފައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ، ކުރިއަށްއޮތްތަނުގައި ގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ސްރީލަންކާ ސަފީރު ހިޒް އެކްސެލަންސީ ކޮހޯނާ ވަލައްވެ ނިމާލް ދަރްމަކީރްތި ކަރުނަރަތްނޭ ދެއްކެވި ވަހަކަފުޅުގައި ލަންކާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ވަރަށް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވާ، ގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ. އަދި މިކަމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބަރުލުމަށް ސަފީރު ވަނީ ޝުކުރު އަދާކޮށްފައެވެ.




