ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓު - ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ޕައިލެޓް އަބިނަންދޫ މިނިވަންކޮށްފި

ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް ވިންގް ކޮމާންޑަރ އަބިނަންދޫ މިނިވަންކޮށްފިއެވެ.

ޕާކިސްތާނުން ވަނީ މިދިޔަ ބުދަ ދުވަހު އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓެއް ވައްޓާލައި، އެއް ބޯޓުގެ ޕައިލެޓަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އިންޑިއަން އެއާ ފޯސް (އައިއޭއެފް)ގެ އޮފިސަރ، ވިންގް ކޮމާންޑަރ އަބިނަންދޫއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އިން ހިފެހެއްޓި އަބިނަންދަން އިންޑިއާގެ ސިފައިންނާއި ހަވާލުކޮށްފައިވަނީ
މިރޭ އިންޑިއާ ގަޑިން 9:20 ހާއިރުއެވެ.

ޕައިލެޓު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ މައްސަލަތައް އިތުރަށް ހޫނުވިއިރު، އޭނާ ދޫކޮށްލާނެކަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އިއްޔެ ވަނީ އިއުލާން ކުރައްވާފައެވެ. އިމްރާން ވިދާޅުވީ ޕައިލެޓު ދޫކޮށްލުމަށް ނިންމެވީ "ސުލްހައިގެ އިޝާރާތެއްގެ ގޮތުން" ކަމަށެވެ.

ޕައިލެޓު ހިފެހެއްޓުމަށްފަހު ޕާކިސްތާނުން އާއްމުކުރި ވީޑިޔޯއެއްގައި އޭނާ ވަނީ ޕާކިސްތާން ސިފައިން ކަންތައް ކުރަމުން ދަނީ ރަނގަޅަށް ކަމަށް ބުނެފައެވެ. އަދި އެނބުރި އިންޑިއާ އަށް ދިޔުމަށްފަހު ވެސް ވީޑިއޯގައި ދީފައިވާ ބަޔާން ބަދަލުނުކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އަހަރެން ބޭނުން މިވާހަކަ ރެކޯޑްކުރަން. އަހަރެންގެ ޤައުމަށް އެނބުރި ދިއުމަށްފަހު ވެސް އަހަރެންގެ ބަޔާން ބަދަލެއް ނުކުރާނަން. ޕާކިސްތާންގެ އަސްކަރިއްޔާގެ އޮފިސަރުން ވަނީ އަހަންނާ މެދު ވަރަށް ރަނގަޅަށް ކަންތައް ކޮށްފައި"، އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ