ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އަންހެން މީހާގެ ބޯފަޅައިގެން ހިނގައްޖެއެވެ.
މާބަނޑު މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ "ވަގުތު" އިން ވިދާޅުވީ ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"އެފަދަ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިވަގުތު ދަންނަވާލެވޭނީ. މާބަނޑު މީހަކަށް އަނިޔާވެފައި ވަނީ. މިވަގުތު ދެން އިތުރު މައުލޫމާތެއް ދެވޭކަށް ނެތް." ފުލުހުންގެ މީޑިއާ އޮފިޝަލް އާއި ހަވާލަދީ "ވަގުތު" އިން ވިދާޅުވިއެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލޭ މިރިހި މަގުގައެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ 31 އަހަރުގެ އަންހެނަކު އެކްސިޑެންޓް ވެގެން އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެ ނޫން ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.



