އުޞޫލު ޢާއްމުކޮށްގެން ނޫނީ ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް ނިންމައިފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަތަކުގެ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުޟޫލު މުރާޖަޢާކޮށް ޢާއްމުކޮށްގެން ނޫނީ، ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ކްރިމިނަލް ކޯޓުގެ ގާޟީންގެ ޢާއްމު މަޖިލީހުގައެވެ.

ފާސްކުރި ފުރަތަމަ ހުށަހެޅުން:

"ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލެއް ހެދިފައިއޮތް ނަމަވެސް، އެއުޞޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީޢަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްކަމަށް ނުވުމާއި، ބައެއް މައްސަލަތަކަކީ އެމައްސަލައެއްގެ ޝަރީޢަތް ވަގުތުން ޓެލެކާސްޓު ކުރުމުން އާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ މައްސަލަތަކެއް ކަމަށްވުމާއި، އޭގެ ސަބަބުން އެއްބަކަށް ފައިދާވެ އަނެއްބަޔަކަށް ގެއްލުން ވުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުމާއި، ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި، ޢަދުލު އިންސާފާއިމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިޔުމާއި، ބައެއް މައްސަލަތަކަކީ އެކަމެއްގައި ހިމެނޭ އެއްބައެއްގެ މައްޗަށް ޝަރީޢަތް ހިގަމުން ދާއިރު ހަމަ އެކަމުގައި ހިމެނޭ އެހެން
ބައެއްގެ މައްޗަށް ތަޙްޤީޤު ހިނގަމުންދާ މައްސަލަތަކަށްވުމާއި، އެޙާލަތުގައި ޝަރީޢަތް ޓެލެކާސްޓް ކޮށްފިނަމަ ތަޙްޤީޤަށް ނޭދެވޭ އަސަރު ކުރާނެ ކަމާއި، އަދި ފަހުން ޝަރީޢަތަށް އަންނަ މައްސަލައަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމާއި، ހެކިންގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މީހުން މައްސަލައިގެ އަޑުއެހުމަށް ނުވެއްދޭއިރު، މިބުނެވިދިޔަ ޙާލަތުގައި ޝަރީޢަތް ޓެލެކާސްޓް ކުރުމުން ފަހުން ހުށަހެޅޭ މައްސަލައިގައި ހެކިބަސްދޭން ހުށަހެޅިދާނެ މީހުންގެ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ ގިނަކަންކަން ހިނގާފައި އޮތުމުން، ހެކިންގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މީހުން އަޑުއަހަން ނުވެއްދުމުގެ ބޭނުން ނެތިދިއުމާއި، ނަތީޖާއެއްގެ ގޮތުން ހެކިބަސް އެއްގޮތް ކުރުމަށް މަސައްކަތް ކުރެވޭ ގޮތަށް އޮތުމުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމާއެކު، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ ޝަރީޢަތްތައް ޓެލެކާސްޓް ނުކުރުމަށް ހުރިހާ ޤާޟީންގެ އިއްތިފާގުން ފާސްވިއެވެ."

ފާސްކުރި ދެވަނަ ހުށަހެޅުން:

"މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލަ ޓެލެކާސްޓު ނުކުރުމަށް ނިންމައިފިނަމަ، ސުވާލު އުފެއްދުމުގެ ޖާގައޮތުމުން، އެމައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިރާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް އަޣްލަބިއްޔަތުން ފާސްވިއެވެ."

ކްރިމިނަލް ކޯޓުން މިފަދަ ނިންމުމެއް ނިންމެވިއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިންގަމުން ދަނީ ލައިވްކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ