ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމް ސަސްޕެންޑް ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވިދަޅުވެފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް، 12 ނޮވެންބަރު 2019 ގެ ތާރީޚުގައި ފޮނުއްވެވި ސިޓީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމާ ގުޅޭ ޝަކުވާއެއްގެ މައްސަލަތަކެއް ތަޙުޤީޤު ކުރަމުން ދާތީ، އެ މައްސަލަތައް ތަޙުޤީޤުކޮށް ވަކިގޮތެއް ނިމޭންދެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2017 ގެ 220 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތް ކޮށް، 13 ނޮވެންބަރު 2019 އިން ފެށިގެން ޢާތިކާ އިބްރާހީމް ވަޒީފާއަށް ނުކުތުން ވަގުތީގޮތުން މަނާ ކުރެވިފައިވާކަމަށް އެންގެވިކަމަށެވެ.
މި އެންގެވުމާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ހާމަކޮށް އެރުވުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ވަނީ 4 ކަމެއް ފާހަގަ ކުރައްވާފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރައްވާފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2017 ގެ 206 ވަނަ މާއްދާގެ (ހ) އިން، މުވައްޒަފުންނާ މެދު އިޞްލާޙީ ފިޔަވަޅު އެޅުމުގެ އަސާސީ ޒިންމާއަކީ އެ މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާގެ ޒިންމާއެއްކަމާއި، ފުރަތަމަ ފިޔަވަޅު އަޅާނީ އެ ކޯޓަކުން ނުވަތަ އިދާރާއަކުންކަން އެނގެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2017 ގެ 209 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ވެސް، ޤަވާޢިދުން ކަނޑައަޅާ އިޖުރާއާތަކީ އެ ކޯޓަކުން ނުވަތަ އިދާރާއަކުން ފިޔަވަޅު އެޅުމަށް ފަހު، އެކަމާ ބެހޭ ލިޔުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުންކަން އެނގެއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2017 ގެ 227 ވަނަ މާއްދާ އާއި، 228 ވަނަ މާއްދާގެ (ހ) އިން އޮޅުމެއް ނެތް ގޮތެއްގައި ސާފު ވަނީ، މުވައްޒަފަކާ ގުޅޭ އިދާރީ މައްސަލައެއް، އެއީ މުވައްޒަފަކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ ޚިލާފު ވުމުގެ މައްސަލައެއް ވިޔަސް އަދި މުވައްޒަފަކު ހުށައަޅާ ޝަކުވާގެ މައްސަލައެއް ވިޔަސް، ޑިޕާޓްމަންޓަށް ބެލޭނީ، އެ މައްސަލައެއް އެންމެ ފުރަތަމަ މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ، ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެކަން ބެލުމަށް ފަހު ކަމާއި، އަޅާން ޖެހޭ އިޞްލާހީ ފިޔަވަޅު ވެސް އެންމެ ފުރަތަމަ އަޅާނީ ވެސް އެ މުވައްޒަފަކު ވަޒީފާ އަދާ ކުރާ ކޯޓު ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅައިފައިވާ ފަރާތުން ކަމެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2017 ގެ 220 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި ބުނެފައި ވަނީ، މުވައްޒަފަކާ ގުޅޭގޮތުން ބެލެމުންދާ މައްސަލައެއްގައި، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާ ކުރުމުގެ އިޚްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބޭނުން ކުރާން ވާނީ ކޯޓު ނުވަތަ އިދާރާގެ މަޝްވަރާއާ އެކު ކަމުގައެވެ.
މި ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ދެންނެވުނު މާއްދާތަކުން ބަޔާންވެ އެނގޭ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުވައްޒަފަކާ މެދުގައި ވެސް، އަދި އެހެން އެއްވެސް ކޯޓެއްގެ މުވައްޒަފަކާ މެދުގައި ވިޔަސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ، އަދި އެއްވެސް ފިޔަވަޅެއް އެޅޭނީ، އެ މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓަށް އެންމެ ފުރަތަމަ އެ މައްސަލަ ހުށައެޅި، އެ ކޯޓަކުން ނުވަތަ އެ ކޯޓެއްގެ އިދާރީ ނިޒާމުގެ ތެރެއިން އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު، އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ފަރާތުން އެ ޑިޕާޓްމަންޓަށް އެ މައްސަލަ ހުށައެޅުމުންކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި، ޑިޕާޓްމަންޓަށް ކޯޓެއްގެ ނުވަތަ އިދާރާއެއްގެ މުވައްޒަފަކު ވަގުތީ ގޮތުން ވަޒީފާއަށް ނުކުތުން މަނާ ކުރެވޭނީ އެ ކޯޓެއް ނުވަތަ ޢިދާރާއެއްގެ މަޝްވަރާޔާ އެކުގައި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2017 ގެ އެއްވެސް މާއްދާއަކާ ސްޕްރީމް ކޯޓުގެ ޑިރެކްޓަރ އަލްފާޟިލާ ޢާތިކާ އިބްރާހީމް ޚިލާފު ވެވަޑައިގެންފައިވާކަމުގެ އެއްވެސް ޝަކުވާއެއް އެ ކޯޓަށް ހުށައެޅިފައި ނެތް އިރު، އަދި އޭނާ އެ ޤަވާޢިދާ ޚިލާފު ވެވަޑައިގަތުމުގެ އެއްވެސް މައްސަލައެއް އެ ކޯޓުން ބަލަމުން ނުދާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ އެތައް މާއްދާއަކާ ޚިލާފަށް، އަލްފާޟިލާ ޢާތިކާ އިބްރާހީމްގެ މައްޗަށް ފިޔަވަޅު އަޅުއްވާން އުޞޫލުތަކާއި އިޖުރާއާތުތަކުގެ ބޭރުން، ތަޢައްޞުފީ ގޮތެއްގައި މަސައްކަތް ކުރައްވާކަން އެނގުމާ ގުޅިގެން އެކަމާ ވަރަށް ބޮޑަށް ޙައިރާންވެ ހިތާމަ ކުރައްވާކަމަށެވެ.
ހަމައެހެންމެ، މުއައްޒަފަކާ މެދުގައި ފިޔަވަޅު އެޅުމުގެ ކޮންމެ އިޖުރާއަތެއް ވެސް ހިންގަން ވާނީ ޢަދުލުވެރި ގޮތްމަތީން، ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކާ އެއްގޮތަށް، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމާ އެކު، މުވައްޒަފުންގެ ޙައްޤުތަކާއި ޝަރުޢީ ދާއިރާގެ މަޞްލަޙަތުތަކަށް ރިޢާޔަތް ކުރުމާ އެކު، އޯގާވެރިކަމުގެ އަސާސުގެ މައްޗަށް ކަމުގައި ވީހިނދު، އަލްފާޟިލާ ޢާތިކާ އިބްރާހީމްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަމެއް
ވިޔަސް، އަދި އޭނާގެ މައްސަލައެއް ހުށައެޅިފައި ވާކަމެއް ވިޔަސް އޭނާއަށް އެންގެވުމަކާ ނުލައި، އަމިއްލަ ދިފާޢުގައި ވާހަކާ ދެއްކުމުގެ އެއްވެސް ފުރުޞަތެއް ނުދީ، ކުއްލިޔަކަށް އޭނާ ސަސްޕެންޑް ކުރުމަކީ، ނެޗުރަލް ޖަސްޓިސްއާ ޚިލާފަށް، މުވައްޒަފުންނާ މެދު ނާޖާއިޒު ގޮތްގޮތުން ބާރުގެ ބޭނުން ކޮށް، މުވައްޒަފުން ބުލީ ކުރުމުގެ ޢަމަލެއް ކަމަށެވެ.
އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަސްކަން އުފެދި، ކޯޓުތަކުގެ މަޞްލަޙަތު ގެއްލިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު ވިދަޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމުގައްޔާއި، އަދި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގަން ވާނީ އެ ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ މަޝްވަރާގެ މަތީން އެކުލަވައިލެވޭ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އުއްތަމަ ފަނޑިޔާރު ކަމަށެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ޤާނޫނުގެ 35 ވަނަ މާއްދާގައި އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު ބަޔާން ކޮށްފައި ވާއިރު، އޭގެ ތެރޭގައި ވެސް އިދާރީ ގޮތުން އުއްތަމަ ފަނޑިޔާރު އުފުލާން ޖެހޭ މަސްއޫލިއްޔަތުތައް ހިމެނިފައި ވެއެވެ. މި ދެންނެވި ދުސްތޫރީ އަދި ޤާނޫނީ މާއްދާތަކުން އެނގި ކަށަވަރު ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގުމުގެ ހުރިހައި މަސްއޫލިއްޔަތުތަކެއް، ފަނޑިޔާރުންގެ މަޝްވަރާގެ މަތީން އެކުލަވައިލެވޭ އުޞޫލުތަކާ އެއްގޮތް ވާގޮތުގެ މަތީން އަދާ ކުރާކަން ކަށަވަރުކުރަންޖެހޭ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރުކަމެވެ.
ކަން މިހެން އޮތް އިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި ދެންނެވި ދުސްތޫރީ އަދި
ޤާނޫނީ ނައްޞުތަކުގެ ބާރު ކަނޑުވައިލައި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ ވެސް ޚިލާފަށް، މި ދެންނެވި ބީދައިން ޢަމަލު ކުރައްވަމުން ގެންދެވުމުގެ ސަބަބުން، މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ދަނީ ހުރަސް އެޅެމުން ކަމުގައި އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މިނިވަންކަން ނިގުޅައިގަނެ، ކޯޓުތަކުގެ އެތެރޭގައި ނުފޫޒާއި ބާރު ހިންގުމުގެ ސަގާފަތެއް އުފައްދައި، ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނޭ ފަދަ މާޙައުލެއް އުފެއްދުމަށް ޓަކައި ހިންގަމުން ގެންދާ ޣައިރުދުސްތޫރީ، ޣައިރުޤާނޫނީ، އަދި އިންތިހާ ދަރަޖައިގެ ލަދުވެތި، ދަށު ދަރަޖައިގެ ޢަމަލުތަކެއްކަން ފާހަގަ ކޮށް، މި ޢަމަލުތައް ހުއްޓުވައި، މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވެސް، އަދި އެހެނިހެން ކޯޓުތަކަށް ވެސް މަސައްކަތް ކުރެވޭނޭ މާޙައުލެއް ޤާއިމު ކުރުމުގައި،
ދައުލަތުގެ އެންމެހައި ފަރާތްތަކުން ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު، ޤާނޫނާއި ޤަވާޢިދުން ބޭރުން، އަނިޔާވެރި އަދި ބޭއިންޞާފު ގޮތެއްގައި ޣައިރުޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުދޭނެ ވާހަކަޔާއި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް އެފަދަ ފުރުޞަތެއް ނުދެއްވާނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.




