އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް މެޖޯރީޓީ ނުލިބިއްޖެނަމަ ދިވެހިރާޖެއިން ފެނިގެންދާނީ ބަޣާވާތެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ބާރަށު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ އަދިވެސް މިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިފައިވީ ނަމަވެސް، އެއްވެސް ހާލެއްގައި ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށެވެ.
މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް އަޤަލަބިއްޔަތު ނުލިބިއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުން އަނެއްކާވެސް ދެކޭނީ ވަރަށް ހިތާމެވެރި މަންޒަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް އަޤަލަބިއްޔަތު ނުލިބިއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުން އަނެއްކާވެސް ދެކޭނީ ވަރަށް ހިތާމެވެރި މަންޒަރެއް، އަނެއްކާވެސް އަޅުގަނޑުމެންގެ އުދަރެސް ބަނަވެގެންދާނީ ބަޣާވާތަކާ ދިމާއަށް. އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނީ ހަމަނުޖެހުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކުގައި މަސައްކަތްކޮށް މަޖިލީހުގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބު ކުރެއްވުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ނަޝީދު ވަނީ މިރޭވެސް ގޮވާލައްވާފައެވެ.