ޑޮކްޓަރ އަފްރާޝީމް ޢަލީ

އަފްރާޝީމް މަރުގެ މައްސަލައިގައި ޝަހީމަށް ތުހުމަތުތަކެއް!

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާކަން ރައީސް ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ހުލާސާ ބަޔާނުން ހާމަވެއްޖެއެވެ.

އެގޮތުން ޑރ އަފްރާޝީމް އަވަހާރަ ކޮއްލުމުގެ ކުރިން ޓީވީ މޯލްޑިވްސް ގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމަށް ދިއުމުގެ ކުރިން ޑރ އަފްރާޝީމް އާއި ޑރ ޝަހީމް ބައްދަލުކުރެއްވިކަން އިނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓުން އިނގޭގޮތުގައި ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބިފައިވާ ޓެކްސްޓު މެސެޖެއްގައި ބުނެފައިވަނީ ޑރ އަފްރާޝީމް ރުޖޫޢަވެ މީޑިއާގައި އިއުލާން ކޮށްފިނަމަ، އެމެސެޖު ފޮނުވި ބަޔަކު ޑރ އަފްރާޝީމް ދެކެ އަލުން އަނބުރާ ލޯބި ވާނެކަމަށެވެ. މިމެސުޖު ޑރ ޝަހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާ ކަމަށާއި ރިޔާސީ ކޮމިޝަނަށް ޑރ ޝަހީމް ދެއްވާފައިވާ މައުލޫމާތަކީ ތެދު މަޢުލޫމާތެއް ނޫންކަންވެސް ކޮމިޝަނުގެ ރިޕޯޓުން އިނގޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމިޝަން ރިޕޯޓުގައި 28 ޖުލައި 2019 ގައި ޑރ ޝަހީމު ކޮމިޝަނަށް ލިޔުމުން ފޮނުވާފައިވާ މަޢުލޫމާތުގައި 1 އޮކްޓޯބަރ 2012 ވަނަ ދުވަހު ޑރ އަފްރާޝީމު، ޑރ ޝަހީމް އާއި ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ ޑރ ޝަހީމަށް އެއްވެސް ވަރަކަށް ޑރ ޝަހީމް އެދިވަޑައިގެން ނޫންކަމަށް ވިދާޅުވިނަމަވެސް، ޑރ އަފްރާޝީމް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އާއި ބައްދަލުކުރެއްވުމަށް 1 އޮކްޓޯބަރ 2012 ވަނަ ދުވަހު މެންދުރު 1:00 ޖަހާއިރަށް ދިޔައީ ޑރ ޝަހީމްގެ ދަޢުވަތަކަށްކަން ދެބޭފުޅުންގެ ދެމެދުގައި ބަދަލުކުރެވިފައިވާ އެސް.އެމް.އެސް މެސެޖު ތަކުން އިނގޭކަމަށްވެސް ރިޕޯޓުގައި ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑރ އަފްރާޝީމް އެރޭ ޓީވީ ޕްރޮގްރާމަށް އެރުމަށް ސީދާ އެދިލެއްވީ އެރޭ އޭނާއަށް އެޕްރޮގްރާމަށް އެރޭނެކަމަގެ ޔަޤީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށް ޑރ ޝަހީމް ވިދާޅުވިނަމަވެސް، ޑރ އަފްރާޝީމް ޓީވީ ޕްރޮގްރާމަކަށް އެރުމުގެ ވާހަކަ އެ ދެބޭފުޅުން ދެމެދުގައި ދެކެވިފައިވާކަމަށާއި ހޯމަ ވިލޭރޭގެ ޕްރޮގްރާމަށް އެރުމަށް ހުށައެޅުއްވީ ޑރ ޝަހީމް ކަމާއި އެޕްރޮގްރާމަށް ޑރ އަފްރާޝީމް އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޑރ ޝަހީމަށް އިނގިވަޑައިގަންނަވާ ކަމަށާއި އެއީ ޑރ އަފްރާޝީމް ކުރިން ދެއްކެވި ވާހަކަފުޅުތަކަށް މާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާންމުކޮށް އިޢުލާން ކުރުމަށްކަން ޑރ ޝަހީމަށް އިނގިވަޑައިގެންފައި ވާކަމާއި އެރޭގެ ޕްރޮގްރާމަށް އެރޭނެގޮތް ހަމަނުޖެހިއްޖެނަމަ އެބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައިދޭން ޑރ ޝަހީމު ހުށައަޅުއްވާފައި ވާކަންވެސް ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖުތަކުން ހާމަވާކަމަށް ރިޕޯޓުން އިނގޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ޑރ އަފްރާޝީމް މާފަށް އެދުމާއި ގުޅޭގޮތުން ޑރ ޝަހީމަށް މެސެޖު ފޮނުވީ ކާކުކަން ބެލުމަށް ކޮމިޝަނުން އެހުމުން އެ މެސެޖު ފޮނުވީ ކާކުކަން ހަނދަމުފުނެތް ކަމަށް ޑރ ޝަހީމް ވިދާޅުވެފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވާކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ޑރ އަފްރާޝީމް އަވަހާރަކޮއްލާފައިވަނީ 2012 އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭ ކަމަށާއި އޮކްޓޯބަރ 2 ވަނަ ދުވަހު ރާއްޖެ ދޫކުށް ބަޔަކު ފުރައިގެން ދިޔަކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އޮކްޓޯބަރ 2 ވަނަ ދުވަހު ހެނދުނު މާލެއިން ގަތަރަށްފުރި ކިއު.އާރު 381 ފްލައިޓުން ސީރިއާ އާއި ސޫދާނަށް، ގދ ވާދޫ، ޖަވާހިރުގޭ ޖާދުﷲ އިބްރާހިމް އާއި މ.ހާދޫ މުޙައްމަދު ނިޝާންގެ އިތުރުން ފުރި އެނެއް 7 މީހުންނަކީ އަބްދުﷲ ބަޝީރު (ފައުޒީ، ގއ ވިލިނގިލި)، އަހްމަދު ޔުސްރީ މުހައްމަދު ޝަރީފު (ގ.ވީނަސްވިލާ)، މުޙައްމަދު ޝަފީޤު (ބަރުލީނުގެ، ހއ ދިއްދޫ)، މުޙައްމަދު ތަސްނީމު (ގ.ސިނަމާލެ 2)، އައިސާ ނަހުލާ އަބްދުއްލަތީފު (ވ.މަދަން)، އިބްރާހީމް އުޝާމް (އޯކިޑްވާދީ، ގއ.ދެއްވަދޫ) އަދި މިފްޒާލް މުޙައްމަދު (ބީޗް ރެސްޓު، އއ.ހިމަންދޫ) އެވެ.

މި އެންމެންނަކީވެސް މާލޭ ދަފްތަރު 471، މުޙައްމަދު މަޒީދު އާއި ތ.އޮމަދޫ، އަތިރީގޭ، ސާމިދު މުޙައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް، މިޖަމާއަތުން މާލޭގައި ހިންގާފައިވާ އެކެއެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތްތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2012 އޮކްޓޯބަރ 2 ވަނަ ދުވަހު ޑރ ޝަހީމުވެސް ރާއްޖޭން ފުރި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އިލްމުވެރިންނާއި ޑރ އަފްރާޝީމް އާއި ދެމެދު ހާއްސަކޮށް ޒިޔާރަތަށް ގޮސް މަރުވެފައި ތިބޭ މީހުން މެދުވެރިކޮށް ހުވާ ކުރުމާއި ބެހޭ ގޮތުން ހިޔާލު ތަފާތުވުން އޮތް ކަމަށާއި މަރުވެފައިވާ މީހެއް މެދުވެރިކޮށް ހުވާ ކުރަންޏާ ހުރިހާ އިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި އެއީ ޝަރީކު ކުރުން (ދީނުން ބޭރުވުން) ކަމަށް ވެސް ރިޕޯޓުން އިނގޭ ކަމަށެވެ. އަދި އިލްމުވެރިންކަމަށް ބުނެފައި އެވަނީ އާންމުކޮށް ދީނުގެ ވާހަކަ ދައްކާ ފަރާތްތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކިއެކި ފަހަރު މަތިން ޑރ އަފްރާޝީމް އަށް ދުއްތުރާކޮށް އުނދަގު ކޮށްފައިވާ އެއްވެސް ފަރާތަކާއިމެދު އަދިވެސް ފިޔަވަޅު އެޅިފައިނުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޑރ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ވަކި ހާއްސަ ވާހަކަތަކެއް ދައްކާތީ ކަމުގައި ރިޕޯޓުގައި ބަޔާން ކޮށްފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެވާހަކަތަކުގެ ތެރޭގައި ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއިމެދު ހިޔާލު ތަފާތުވުން އުފެދިއްޖެނަމަ އެއީ ކަނޑައެޅިގެން ވާޖިބު، ބިދުޢަ ނުވަތަ ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ޑރ އަފްރާޝީމް ވިދާޅުވެފައިވާކަމަށެވެ.

އެހެން ކަމުން އެފަދަ މައްސަލަތަކުގައި މުސްލިމު އަހުން އެއްބަޔަކު އަނެއްބަޔަކަށް ޒުވާބުކޮށް ޖަދަލުކޮށްގެން ވާނެކަމަށް ނޫން ކަމަށްވެސް ޑރ އަފްރާޝީމު ވިދާޅުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުލާސާ ރިޕޯޓް ބުނާގޮތުން އަފްރާޝީމް އަވަހާރަލޮށްލާފައިވަނީ ރާއްޖޭގައި ހިންގާ ޖިހާދީ ޖަމާޢަތުންނެވެ. އަދި އެ ޖަމާއަތް ހިންގަނީ މާލޭ ދަފްތަރު 471 މުޙައްމަދު މަޒީދުއާއި ތ.އޮމަދޫ އަތިރިމާގޭ ސާމިތު މުޙައްމަދު ކަމަށް ބުނެފައިވެއެވެ.

ރިޕޯޓް ބުނާގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސްމީހަކީ ބޮޑެތި ތުހުމަތުތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ އަޒްލިފް ރައޫފްއެވެ. އަދި އަވަހާރަކޮށްލުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އަފްރާޝީމް މަރުގެ ދައުވާ ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުމާމް އާއި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު އަލީ ޝާން (ސަޓޯ) އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ