އަނިޔާވެރި ގޮތަކަށް މަރާލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަޙްޤީޤު ރިޕޯޓް ދިވެހި ސަރުކާރުން ޢާއްމުކޮށްފިއެވެ.
ތަޙްޤީޤު ރިޕޯޓް ޢާއްމުކޮށްފައިވަނީ، މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ނެރުއްވި ރިޕޯޓާ ގުޅިގެން ސަރުކާރުން ނެރުއްވި ނޫސްބަޔާނަކާ އެކުގައި ދާދި ދެންމެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ޑރ. އަފްރާޝީމް އަލީ 1 އޮކްޓޫބަރު 2012 ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކަމާއެކު އަވަހާރަކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 17 ނޮވެމްބަރ 2018 ގައި އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެމައްސަލަ ބެލުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ.
އަފްރާޝީމްގެ މަރުގެ ތަޙްޤީޤު ރިޕޯޓް ކޮމިޝަނުން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރީއްޔާއަށް އަރުވާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓް ވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ހިއްސާކުރައްވާފައެވެ.
ރިޕޯޓް ބުނާގޮތުން މި މައްސަލަ ތަޙްޤީޤު ކުރުމުގައި ހަތަރު މިސްރާބަކަށް ތަޙްޤީޤު ކޮށްފައިވެއެވެ.
ތަޙްޤީޤުގެ މިސްރާބުތައް:
(ހ) އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް.
(ށ) އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން.
(ނ) 2013 ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި،
(ރ) ދީނީ ގޮތުން ޚިޔާލު ތަފާތުވުން.
ކޮމިޝަނުން ނިންމާފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ސިޔާސީ ފަރާތްތަކާ ގުޅުން ނެތް ކަމަށެވެ.
"ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހިންގަމުންގެންދާ ޖިހާދީ ފިކުރުގެ ޖަމާއަތުން ރާވައިގެން ކަމަށް ގަބޫލުކުރެވެއެވެ. އަދި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ރާއްޖޭގައި ހިންގަމުންގެންދާ ޖިހާދީ ފިކުރުގެ މި ޖަމާއަތް ހިންގުމުގައި އިސްވެތިބެނީ މާލޭ ދަފްތަރު ނަންބަރު 471 މުޙައްމަދު މަޒީދު އާއި ތ. އޮމަދޫ، އަތިރީގެ، ޞާމިތު މުޙައްމަދު އެވެ." ތަޙްޤީޤު ރިޕޯޓްގައި ބުނެފައިވެއެވެ.
"ލިބިފައިވާ ހެކިތަކާއި ގަރީނާ ތަކަށް ބަލާއިރު ޑރ. އަފްރާޝީމް މަރާލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ ކ. ހިލްޓަން އަޒްލިފް ރައޫފްކަމަށް ގަބޫލުކުރެވެއެވެ. ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ކޯޓަށް ދީފައިވާ ބަޔާނުންނާއި، ސިއްރުހެކި #10 މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކޯޓަށާއި މި ކޮމިޝަނަށް ދީފައިވާ މައުލޫމާތުންނާއި މި މައްސަލާގައި އެހެނިހެން ހެކިން ދީފައިވާ ބަޔާން ތަކުން ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ރޭވުން ތަންފީޒުކުރުމުގައި އަޒްލިފް ރައޫފްގެ ރޭވުމާއެއްގޮތްވާ ގޮތުގެ މަތިން ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު އާއި ހ. ހިކޯސްޓް އަލީ ޝާން އާއި ސިއްރު ހެކި #10 ބައިވެރިވެ އެހީތެރިވެދީފައިވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވެއެވެ." ތަޙްޤީޤު ރިޕޯޓްގައި ބުނެފައިވެއެވެ.




