އެއްވެސް އިރެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގެއްލުމެއް ދޭން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ނޫޅުއްވާކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.
ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބްގެ އާއިލާގެ ފަރާތުން މިހެން ބުނެފައިވަނީ، އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ދެއްވާފައިވާ ބަޔާނާއި ގުޅިގެން އާއިލާގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އަޙްމަދު އަދީބްގެ އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަދީބު، ރައީސް ނަޝީދަށް ގެއްލުމެއް ދޭން އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
"އެބަޔާންތަކުގައި އަހްމަދު އަދީބްގެ ނަން ބޭނުން ކޮށްގެން ދައްކާފައި ވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ވެސް ދަންނަވަމެވެ. އަހުމަދު އަދީބަކީ ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫން." އަޙްމަދު އަދީބުގެ އާއިލާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދީބުގެ އާއިލާގެ ބަޔާނުގައި ބުނެފައިވަނީ އަހުމަދު ނާޒިމްގެ ބަޔާނަކީ އަހުމަދު އަދީބާއި މެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމަށެވެ.
ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަހްމަދު އަދީބްގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރާކަމަށްވެސް އާއިލާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.