އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަނާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޮމިޝަނުގެ މައުލޫމާތުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވެބްސައިޓް މެދުވެރިކޮށް ހިއްޞާކުރުމަށް މަސައްކަތްކުރުމާއި، މައުލޫމާތު ހާމާކުރުމުގެ މުހިންމުކަމާބެހޭގޮތުން ސިވިލް ސަރވިސްގެ އިދާރާތައް ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްދެއްވުމާއި އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެކިއުންތައް ބެލެހެއްޓުން ހަރުދަނާކުރުމާއި އަދި ދެ މުއައްސަސާގެ ވެސް ހުރި ދަތިތަކާއި ގުޅޭގޮތުންނެވެ.
އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނުނާ ގުޅޭ ގޮތުން މީހުން އަހުލުވެރިކުރުމުގެ ގޮތުން ޑިސެންބަރު 2 ގައި ލޯންޗުކުރާ ކެމްޕެއިނާ ގުޅޭގޮތުން އައި.ކޮމް އިން ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ހުސައިން ފައްޔާޒު މޫސާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމް އެވެ.



