އެއްވެސް މީހަކު މަރާކަށް އިލްމުވެރިން ހިތްވަރެއް ނުދޭނެ: ޝަހީމު

އެއްވެސް މީހަކު މަރަން ރާއްޖޭގެ ދީނީ ޢިލްމުވެރިއަކު ހިތްވަރު ނުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީ އަވަހާރަކޮށްލި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ޝަހީމްއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ތަފާތު އެކި ފަރާތްތަކުން ޝަހީމަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި ޝަހީމް ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ޢިލްމުވެރިންގެ މެޗުގައި ހުރި ޚިލާފު ތަކަކީ ޢިލްމީ ޚިލާފު ތަކެއްކަމަށާއި، އެއީ އެހެން ދާއިރާތަކުގެ ޢިލްމުތަކުގެ އަޙްލުވެރިންގެ މެދުގައިވެސް ހުންނަ މަދަރުސީ ޚިލާފުތައްފަދަ ޚިލާފު ތައްކަމަށެވެ.

"ރާއްޖޭގެ އިސްލާމް ޢިލްމުވެރިން އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ." ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ، އެމަނިކުފާނުގެ ވަޒީރުކަމުގައި މަސައްކަތްކޮށްފައިވަނީ ޢިލްމުވެރިން އެއްގަލަކަށް އަރުވައި، ޚިޔާލު ތަފާތުވުން ކުޑަކޮށް، ޞުލްޙަވެރިކަމާއެކު މަޝްވަރާކުރުމުގެ ވެއްޓެއް އުފެއްދޭތޯ ކަމަށާއި، ހަރުކަށި ޚިޔާލުގެ މީހުން ފިކުރީގޮތުން ރަނގަޅުބަޔަކަށް ހެދުމަށް ގިނަ މަސައްކަތްކޮށްފައިވާނެކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރިޕޯޓުން އެނގޭގޮތުގައި ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބިފައިވާ ޓެކްސްޓު މެސެޖެއްގައި ބުނެފައިވަނީ ޑރ އަފްރާޝީމް ރުޖޫޢަވެ މީޑިއާގައި އިއުލާން ކޮށްފިނަމަ، އެމެސެޖު ފޮނުވި ބަޔަކު ޑރ އަފްރާޝީމް ދެކެ އަލުން އަނބުރާ ލޯބި ވާނެކަމަށެވެ. މިމެސުޖު ޑރ ޝަހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާ ކަމަށާއި ރިޔާސީ ކޮމިޝަނަށް ޑރ ޝަހީމް ދެއްވާފައިވާ މައުލޫމާތަކީ ތެދު މަޢުލޫމާތެއް ނޫންކަންވެސް ކޮމިޝަނުގެ ރިޕޯޓުން އެނގޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން އާންމުކުރި، އަފްރާޝީމް ޢަލީގެ މަރުގެ ތަޙްޤީޤުގެ ހުލާސާ ރިޕޯޓު ބުނާގޮތުން އޭނާ އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހިންގާ ޖިހާދީ ޖަމާއަތުންނެވެ. އަދި އޭނާ އަވަހާރަކޮށްލުމުގައި އިސްކޮށް ހުރީ އަޒްލިފް ރައޫފްއެވެ. މީގެ އިތުުރުން އަފްރާޝީމް އަވަހާރަކޮށްލުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ހުމާމް އާއި ޢަލީ ޝާން (ސަޓޯ) ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ