ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ އަރްމޭނިއާ ކޮޅަށްޖެހި ލަނޑު ގޯންޔާއެކު، ކޮލިފިކޭޝަންގައި ކުޅުނު ހުރިހާ މެޗަކުން އިޓަލީ މޮޅުވެއްޖެއެވެ.
އަމިއްލަ ޤައުމުގައި ކުޅުނު މިމެޗު އިޓަލީއިން ކާމިޔާބުކޮށްފައިވަނީ 9-1 ގެ ނަތީޖާއަކުންނެވެ.
ހުރިހާ ގޮތަކުންވެސް ރޭގެ މޮޗު ކޮންޓްރޯލްކުރަމުން އައި އިޓަލީގެ ސީރޯ އިމޯބައިލް އަދި ނިކޯލޯ ޒަނިއޯލޯ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ޖަހާފައިވައިވާއިރު، އަނެއް ލަނޑުތައް ޖަހާފައިވަނީ ނިކޯލޯ ބަރެލާ، އަލެސިއޯ ރޮމަގްނޯލީ، ޖޯޖީނިއޯ، ރިކާޑޮ އޮސޯލިނީ އަދި ފެޑެރީކޯ ޗިސާއެވެ.
އަރްމޭނިއާގެ ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީގާ ބަބަޔާންއެވެ.
އިޓަލީ ފަސްގަނޑުގައި މީގެ ކުރިން އެޤައުމާއި ދެކޮޅަށް އަރްމޭނިއާ ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެއީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އިޓަލީއަށް މިހާތަނަށް އެންމެ ތަފާތު ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ އެމެރިކާއާއި ދެކޮޅަށެވެ. 1948 ގެ އޮލިމްޕިކްސްގައި އެމެރިކާއާއި ދެކޮޅަށް ކުޅުނު އެމެޗު އިޓަލީއިން ކާމިޔާބުކޮށްފައިވަނީ 8-0 ގެ ނަތީޖާއަކުންނެވެ.
ޔޫރޯ ކޮލިފިކޭޝަންގައި ކުޅުނު 10 މެޗުވެސް އިޓަލީއިން ކާމިޔާބުކޮށްފައިވާއިރު، 30 ޕޮއިންޓާއެކު އިޓަލީ އޮތީ ގްރޫޕް ޖޭ ގެ އެއްވަނާގައެވެ. އެގްރޫޕްގެ ދެވަނާގައި އޮތް ފިންލޭންޑަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.




