މާލޭ ޖަލު އެނެކްސް އެކެއް މަރާމާތަށްފަހު އަލުން ހުޅުވައިފިއެވެ. މަރާމާތަށްފަހު ޖަލު އަލުން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲއެވެ.
މާޖޭ ޖަލު މަރާމާތަށްފަހު އަލުން ހުޅުވިއިރު އިންސާނީ ކަރާމާތާއި، ޝަރަފާ އެކަށީގެންވާ މިންވަރަކަށް ތަނުގެ ހާލަތު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ފާޚާނާ ކުރުމުގެ އިންތިޒާމްވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މާލޭ ޖަލުގެ ހާލަތުގެ ގޯސްވެ ބަންދުކުރިއިރު ކުރިން އެތަނުގައި އެއްފަހަރާ 17 މީހުން ބަންދުކުރެއެވެ. ނަމަވެސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އެތަނުގައި ދެން ގިނަވެގެން ބަންދުކުރާނީ 10 މީހުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރު ހަވާލުވުމަށްފަހުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްގެން ގެންގުޅޭ ތަންތަން ނުވަތަ ޖަލުތަކުގެ ހާލަތު އިންސާނީ ކަރާމަތާ ޝަރަފާ އެކަށީގެންވާ މިންވަރަކަށް ގެނައުމަށްޓަކައި ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މިނިންމާލެވުނީ އެއް މަސައްކަތް ކަމަށެވެ. “މިތަން ބަންދުކުރެވުނިއިރު ހާލަތު ވަރަށް ދަށްކޮށްހުރީ. މިއީ ސޯޅަ، ސަތާރަ މީހުން ބަންދުކޮށްފައި ބޭތިއްބިފަހުރި ތަންތަން" އިމްރާން ވިދާޅުވިއެވެ.
މިހާރު މާލޭ ޖަލުގައި ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން ވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފައެވެ. މިނިސްޓަރ ވިދާޅުވީ ކުރިން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ގޮޅީތަކުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެކަމަށާއި، މީހުން ބައިތިއްބަން ފެށުމުން ފަތިހު ފަހެއް ޖަހާއިރު ބޭރަށް ނެރުމަށްފަހު ގޮޅިތަކަށް ވައްދާނީ ރޭގަނޑު ދިހައެއް ޖަހާއިރު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ޤައިދީންނަށް ތަނުގެ ގޮތުންނާއި، ދެވޭ ޚިދުމަތުގެ ގޮތުންވެސް ބޮޑުތަނުން ރަނގަޅުގޮތްތައް ހަމަޖައްސައިދެވިފައިވާކަމަށެވެ. އެގޮތުން މިއީ ބަންދުކުރެވޭ މީހުން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ގެއްނގުޅުއްވާ ވިސްނުމުގެ ތެރެއިން ކުރެވޭ މަސައްކަތްތައްކެއްކަމަށެވެ. ޤައުމުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި، ޑެޕިއުޓީ ކޮމިޝަނަރއާއި، އެސިސްޓެންޓް ކޮމިޝަނަރ އަދި ހުރިހާ އޮފިސަރުން ކުރައްވާ މަސައްކަތްތައްވެސް ފާހަގަ ކުރައްވާފައެވެ.
ޤައިދީން ތިބޭ ތަން ރަނގަޅުވެ، ޚިދުމަތްތައް ރަނގަޅުކުރުމުން އެމީހުން ރިހިބިލިޓޭޓް ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ފޯކަސް އިތުރުކޮށް އެކަން ކާމިޔާބުކުރުމަށް އިތުރަށް މަގުފަހިވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެނެކްސް 1 އަލުން ހުޅުވުމާއެކު އެތަނުގެ ޕްލޭން ޤައިދީންނަށާއި، އޮފިސަރުންނަށް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެޕްލޭންގައި ޤައިދީންނާ މެދު އަމަލުކުރެވޭނެ އުޞޫލުތަކާއި، ޤައިދީން އަމަލުކުރަންޖެހޭ އުޞޫލުތަކާއި، ޝަކުވާ ހުށައަޅާނެ ގޮތްތަކާއި، ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ޤާނޫނީ މާއްދާތައްވެސް ވަނީ ބަޔާންކޮށްފައެވެ.



