ދިވެހިރާއްޖެއަށް ޞީއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވެއްޖެއެވެ.
މި ފަހުމުނާމާގައި ދެޤައުމުން ސޮއި ކުރެއްވީ ސައުދީ ޢަރަބިއްޔާގެ ޖިއްދާގައެވެ. މިފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ސޮއި ކުރެއްވިއިރު، ސައުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ޑރ. ތައުފީޤު އަލް ރާބިއާއެވެ.
ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދެޤައުމު އެކުގައި މަސައްކަތްކުރުމަށް ސޮއި ކުރި މި ފަހުމުނާމާގެ ދަށުން، ދިވެހިރާއްޖޭގެ ޞިއްޙީދާއިރާއަށް މީހުން ބިނާކުރުމުގައާއި، ޞިއްޙީމަރުކަޒުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގައި ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އާއި ސައުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވާލައި، ސައުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރ އަމީން ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމަށް ސައުދީ ޢަރަބިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންތައްތަކާއިގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.